
ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ވަޑައިގަންނަވަނީ
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަންނަވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ވަޑައިގަންނަވާނީ މިއަދުން މިރެއެވެ. އެނބުރި ވަޑައިގަންނަވާނީ ޖުލައި މަހުގެ 2 ވަނަ ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މި ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގްގެ އިތުރުން އެ ޤައުމުގެ ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކުރައްވައި، ދެ ޤައުމަށް މަންފާކުރާނެ ތަރައްޤީގެ ގުޅުންތަކާއި އެކުވެރިކަން ބަދަހިކުރެވިދާނެ ދާއިރާތަކާމެދު މަޝްވަރާކުރައްވާނެކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ސިންގަޕޫރުގެ ބޮޑެތި ވިޔަފާރިތަކުން މަންދޫބުން ބައިވެރިވާ ބިޒްނަސް ފޯރަމެއްގައި ބައިވެރިވެވަޑައިގަތުމަށްވެސް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ފަހުމުނާމާތަކުގައި ސޮއިކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.
ރިއެކްޝަންސް






