
ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ތުރުކީވުލާތާއި އެކު މަޝްވަރާކޮށްފި
ފަތުރުވެރިކަމުގެ ދާއިރާގައި އެއްބާރުލުން ދިނުމަށާއި، ސީދާ ވައިގެ ދަތުރުތައް އިތުރުކުރުމާއި ގުޅޭގޮތުން ރާއްޖެއާއި ތުރުކީއާ ދެމެދު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވިގޮތުގައި މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ ރާއްޖޭގެ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ތުރުކީގެ ފަތުރުވެރިކަމާއި ސަގާފަތާ ބެހޭ ވަޒީރު މެހެމަތު ނޫރީ އެރްސޯއީއާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.
ތުރުކީ ސަރުކާރުން މިހާރުވެސް ރާއްޖެއަށް ތަފާތު ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދެއެވެ. މީގެ ތެރޭގައި ދިވެހި ދަރިވަރުންނަށް ސްކޮލަޝިޕް ފުރުސަތުތައް ހުޅުވާލުމާއި، ފެނާއި ނަރުދަމާގެ ނިޒާމު ހަރުދަނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
މި މަޝްވަރާތަކަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ފައިދާ ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފޮރިން މިނިސްޓްރީން ފާހަގަކުރައްވާފައި ވެއެވެ.
ރިއެކްޝަންސް






