
އެސް.އެސް.ސީ އިސްލާމް މާއްދާގެ އިމްތިހާނަށް ތައްޔާރުވާ ދަރިވަރުންނަށް ފުވައްމުލަކުގައި 1 ދުވަހުގެ ސްޓަޑީ ކޭމްޕެއް
މި ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަރު މިމަހުގެ 25 އަށް ވަނީ ހުޅުވާލާފަ.
އެސް.އެސް.ސީ އިސްލާމް މާއްދާގެ އިމްތިހާނަށް ތައްޔާރުވާ ދަރިވަރުންނަށް ޚާއްސަކޮށްގެން 1 ދުވަހުގެ ސްޓަޑީ ކޭމްޕެއް ފުވައްމުލަކުގައި ބޭއްވުމަށް ނިންމައިފިއެވެ.
ފުވައްމުލަކުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ އަބާރުނަ އިން އިންތިޒާމުކޮށްގެން ގާބެ އިންސްޓިޓިއުޓާއި ފުވައްމުލަކުގެ ބެސްޓް ލާނިންގ ސެންޓަރާ ގުޅިގެން އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސްޓަޑީ ކޭމްޕު އޮންނަނީ އަންނަ ފިތުރު ޢީދު ބަންދުތެރޭގައި އެޕްރީލް މަހުގެ 1 ވަނަ ދުވަހު ފުވައްމުލަކުގައި ކަމަށް މި ކޭމްޕް އިންތިޒާމުކުރާ އަބާރުނަ ޖަމްޢިއްޔާއިން މައުލޫމާތު ދެއްވިއެވެ.
މި ކޭމްޕްގައި ސެޝަންތައް ނަންގަވައިދެއްވާނީ ތަޖުރިބާކާރު އެސް.އެސް.ސީ އިސްލާމް މުދައްރިސު ގާސިމް މުޙައްމަދު، ގާބެ ސަރ އެވެ.
އަމާޒް މީޑިއާއާ ވާހަކަ ދައްކަވަމުން އަބާރުނަ ޖަމްޢިއްޔާގެ އޮފިޝަލަކު ވިދާޅުވީ މި ކޭމްޕަކީ ޢީދު ބަންދުތެރޭގައި ފުވައްމުލަކުގައި ތިބޭ ގްރޭޑް 10 އަދި ނުވައެއްގެ ދަރިވަރުންނަށް އަމާޒު ކޮށްގެން ކުރިއަށް ގެންދަން ރާވާފައިވާ ސްޓަޑީ ކޭމްޕެއް ކަމަށެވެ. އަދި މި ކޭމްޕްގައި ބައިވެރިވާން އެއްވެސް ދަރިވަރެއްގެ އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް އަބާރުނަ ޖަމްޢިއްޔާގެ އޮފިޝަލް ވިދާޅުވިއެވެ.
"މިއީ ހުރިހާ ދަރިވަރުންނަށްވެސް ހިލޭ ކުރިއަށް ގެންދެވޭ ކޭމްޕެއް. ކޭމްޕްގައި ފުވައްމުލަކުގެ ސްކޫލްތަކުގެ ދަރިވަރުންގެ އިތުރުން މިރަށް ޗުއްޓީއަށް އައިސް ތިބޭ އެހެން ސްކޫލްތަކުގެ، އެހެން ރަށްރަށުގެ ކުދިންނަށްވެސް އެއްވެސް އަގަކާ ނުލައި ބައިވެރިވެވޭނެ" އަބާރުނަ ޖަމްޢިއްޔާގެ އޮފިޝަލް ވިދާޅުވިއެވެ.
އަބާރުނަ ޖަމްޢިއްޔާއިން މައުލޫމާތު ދެއްވި ގޮތުގައި މި ކޭމްޕްގެ ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުދިން ޝައުގުވެރިވާނެ ފަދަ ބައިތަކެއް ހިމަނައިގެން ކުޅިވަރުގެ ތެރެއިން އުނގަންނައިދޭފަދަ ގޮތަކަށް ކަމަށެވެ.
މި ކޭމްޕްގެ ސެޝަންތައް ނަންގަވާދެއްވާ ގާސިމް މުޙައްމަދު ގާބެ ސަރ އަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިފަދަ ކޭމްޕްތައް ކޮންމެ ހަފުތާ ބަންދެއްގައި ކުރިއަށް ގެންދަވާ ނަތީޖާ ނެރެދެއްވަމުން އަންނަ ތަޖުރިބާކާރު މުދައްރިސެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމް މުޙައްމަދުގެ ސެޝަންތަކުގައި ބައިވެރިވެފައިވާ ދަރިވަރުން އަންނަނީ އެސް.އެސް.ސީ އިމްތިހާނުން ތަފާތު މޮޅު ނަތީޖާތަކެއް ހާސިލް ކުރަމުންނެވެ.
މި ކޭމްޕްގައި ބައިވެރި ވުމުގެ ފުރުސަތު އަބާރުނަ ޖަމްޢިއްޔާއިން މިހާރު ހުޅުވާލާފައިވާ ކަމަށް އެ ޖަމްޢިއްޔާއިން މައުލޫމާތު ދެއްވިއެވެ.
އެގޮތުން އަބާރުނަ ޖަމްޢިއްޔާގެ އެފް ޕޭޖުގައި ވާ ގޫގުލް ފޯމު ފުރައިގެން މި ކޭމްޕްގައި ދަރިވަރުންނަށް ބައިވެރިވެވޭނެ ކަމަށް އެޖަމްޢިއްޔާއިން މައުލޫމާތު ދެއްވިއެވެ.
ރިއެކްޝަންސް






