
އިންޑިއަން އޯޝަން ކޮންފަރެންސްގައި ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގެންފި
ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް 8 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގެ އިފްތިތާޙީ ސެޝަންގައި ބައިވެރިވެވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި މި ކޮންފަރެންސް ކުރިއަށް ދާނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް އޮމާނުގެ މަސްކެޓްގައެވެ.
މި އަހަރުގެ ކޮންފަރެންސްގެ ތީމަކީ "ވޮޔޭޖު ޓު ނިއު ހޮރައިޒަންސް އޮފް މެރިޓައިމް ޕާޓްނަރޝިޕް" އެވެ.
މި އިފްތިތާހީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު "އެކްސް" މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޑރ. ޚަލީލް ވިދާޅުވެފައިވަނީ އެހެން ޤައުމުތަކުގެ ވަޒީރުންނާއެކު އެ ސެޝަންގައި ބައިވެރިވެ ވަޑައިގެންނެވުނު ކަމަށްޓަކައި އުފާކުރައްވާ ކަމަށެވެ. އަދި ހަމަ މިއާއި އެކު ސުލްހަވެރި، ތަނަވަސް އަދި ދެމެހެއްޓެނިވި އިންޑިއާ ކަނޑެއް ޤާއިމުކުރުމަށް ރާއްޖެއިން އަވަށްޓެރިންނާއި ބައިވެރިންނާއެކު މަސައްކަތްކުރަމުންދާ ކަމަށްވެސް ވަޒީރު ފާހަގަކުރައްވާފައި ވެއެވެ.
މީގެ އިތުރުން ވަޒީރު އޮމާނަށް ވަޑައިގެންނެވުމާ ގުޅިގެން، އޮމާންގެ ސަރުކާރުން ދެއްވި މަރުޙަބާއާއި މެހުމާންދާރީއަށް ޝުކުރު ދަންނަވައި، ކޮންފަރެންސްގެ ބައިވެރިންނާއެކު އުފެއްދުންތެރި މަޝްވަރާތަކެއް ކުރެއްވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
ރިއެކްޝަންސް






