
ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފި
ފޯމް ހުށަހެޅުމުގެ މުއްދަތަކީ އަންނަ މަހުގެ 18 ގެ ނިޔަލަށް
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ޤައުމީ އިނާމާ ބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފިއެވެ.
މި އިނާމަށް ނަން ހުށަހެޅޭނީ ހަމަ އެކަނި ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން އޮންލައިކޮށް މިކަމަށް ހާއްސަކޮށްފައިވާ "ފޯމު ހުށަހެޅުން" (http://apply.presidency.gov.mv/) މި އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
މި އިނާމަކީ ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކު މަސައްކަތްކޮށްފައިވާ ފަރާތްތަކަށް ދެއްވާ ޝަރަފުވެރި އިނާމެކެވެ.
އިނާމާއި ބެހޭ ކޮމެޓީން ވިދާޅުވެފައިވާ ގޮތުގައި އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އޮންނާނީ މިއަދުން ފެށިގެން އަންނަ މަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އަށެވެ. މި އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ.
ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ ނުވަތަ ކުރި މުވައްޒަފުންނަށް މި އިނާމަށް ކުރިމަތިލެވޭނެއެވެ. އަދި މުއައްސަސާތަކުންނާއި އަމިއްލަ ފަރާތްތަކުންވެސް މި އިނާމަށް ނަން ހުށަހެޅިދާނެއެވެ.
ރިއެކްޝަންސް






