މި އަހަރުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ ބާއްވަނީ
މި އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް ބާއްވާ ފޯރަމްތަކުގެ ތެރެއިން ފުރަތަމަ ފޯރަމް މިރޭ ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބާއްވާ މި ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:30 ގައެވެ. މިރޭގެ ފޯރަމްގައި ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދޭ ގޮތުގައި، މި އަހަރުގެ ރަމަޟާން މަހު މާލޭގައި ބާއްވާ އިޙްޔާ ފޯރަމްތައް އޮންނާނީ ކޮންމެ ހޯމަ ވިލޭރޭ އަކާއި ހުކުރު ވިލޭރޭއެއްގައެވެ. މި ފޯރަމްތަކަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ރަމަޟާން މަހުގެ ރޫޙާނިއްޔަތު އާލާކުރުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.
މީގެ އިތުރުން، މިއަހަރުގެ އިޙްޔާ ފޯރަމްތަކުގެ ދާއިރާ ވަނީ އިތުރަށް ފުޅާކޮށްފައެވެ. އެގޮތުން މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުން ހޮވާލެވޭ 10 ރަށެއްގައި މި އަހަރު އިޙްޔާ ފޯރަމްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށްވެސް މިފަދަ ދީނީ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދެއްވައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
އިޙްޔާ ފޯރަމްތަކަށް ވީހާވެސް ގިނަ ބަޔަކު ހާޒިރުވުމަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަރަށް ބޮޑު އެދުމެކެވެ.
ރިއެކްޝަންސް









