
އިޒްރާއިލްގެ ވަކިތަކުން ފަލަޞްޠީނުގެ ބިން މިނިވަންކުރަން ކުރާ ޖިހާދު ދައްކުވައިދޭ "ނޯ އަދަރ ލޭންޑް" އަށް އޮސްކާ ލިބިއްޖެ
އިޒްރާއިލްގެ ލާއިންސާނީ އަނިޔާ ތަކުގެ ތެރެއިން ފަލަޞްޠީނުގެ ބިން ހިމާޔަތްކުރަން ކުރާ ޖިހާދު ދައްކުވައިދޭ "ނޯ އަދަރ ލޭންޑް" އަށް އޮސްކާ ލިބިއްޖެ އެވެ. ރޭ ބޭއްވި އޮސްކާ ހަފްލާގައި 'ނޯ އަދަރ ލޭންޑް' އަށް އޮސްކާ ލިބުނީ ޑޮކިއުމެންޓްރީ ފީޗަރ ފިލްމްގެ ކެޓަގަރީ އިންނެވެ.
އިޒްރާއިލް އަދި ފަލަޞްޠީނުގެ ފިލްމު އުދައްފާ ފަރާތްތަކެއް ގުޅިގެން އުފެއްދި މި ޑޮކިއުމެންޓަރީން ދައުވައިދެނީ އިޒްރާއިލްއިން ހިފާފައިވާ ފަލަޞްޠީނުގެ ހުޅަނގު އައްސޭރީގެ ގެތައް އިޒްރާއިލްގެ އަސްކަރިއްޔާއިން ސުންނާފަތިކޮށްލާ އިރު އެބިމުގެ ހިމާޔަތުގައި ފަލަޞްޠީނުގެ ރައްޔިތުން ކުރާ ޖިހާދެވެ.
2019 އިން 2023 އާ ދެމެދު ޕްރޮޑިއުސްކުރި މި ފިލްމް އުފެއްދީ ފަލަޞްޠީނުގެ އެކްޓިވިސްޓް ބަސެލް އަޑްރާ, އާއި ޖެވިޝް-އިޒްރާއިލީ ނޫސްވެރިޔާ ޔުވަލް އަބްރަހަމް އަދި އިޒްރާއިލް އާއި ފަލަޞްޠީނުގެ ދެ ޑައިރެކްޓަރަކު ގުޅިގެންނެވެ.
އަދްރާގެ ގެ އަމިއްލަ ގެދޮރު ހުންނަ މަސަފަރް ޔައްތާގައި އިޒްރާއިލްގެ އަސްކަރިއްޔާގެ ބުލްޑޯޒަރުތަކުން ގެތައް ސުންނާފަތި ކޮށްލި ވީޑިއޯތައް އޭނާ ނެގީ ފުރާނަ އަތްމައްޗަށް ލައިގެންނެވެ. އިޒްރާއިލްއިން އެސަރަޙައްދު ސުންނާފަތިކޮށްލީ އިޒްރާއިލްގެ އަސްކަރީ ތަމްރީން މަރުކަޒެއް ހިފާފައިވާ ހުޅަނގު އައްސޭރީގެ އެންމެ ދެކުނުގައި ޤާއިމްކުރުމަށެވެ.
އެތައް ސްޓޫޑިއޯއަކުން ޑިސްޓްރިބިއުޓް ކުރަން އިންކާރުކުރި ޑޮކިއުމެންޓްރީއަށް އޮސްކާ ލިބުމުން އެވޯޑާ ހަވާލުމަށްފަހު އަދްރާ ބުނެފައިވަނީ ޑޮކިއުމެންޓްރީން ދައްކުވައިދެނީ އިޒްރާއިލްގެ އަނިޔާވެރިކަމުގައި ޒަމާންތަކެއްވަންދެން ފަލަޞްޠީނުގެ ރައްޔިތުން ތަޙައްމަލް ކުރަމުންދާ ކެކުޅުމުގެ ހަޤީގަތް ކަމުގައެވެ.
"މީގެ މަހެއްކުރިން އަހަރެން ބައްޕައަކަށްވި. އަހަރެންގެ އުންމީދަކީ އަހަރެންގެ އަންހެން ދަރިފުޅު އަހަރެން މިއުޅޭ ދިރުއުޅުން އުޅެން ނުޖެހުން. އިޒްރާއިލްގެ ވަޒަންވެރިންގެ ފަރާތުން ކުރިމަތިވާ ބިރާއި, ފުރައްސާރަ, އަދި ގަދަކަމުން އަހަރެމެންގެ ގެތަކުން އަހަރެމެން ނެރެލާ ނެރެލުން, ވަންނާނެ ގެދޮރެއްނެތި އަމިއްލަ ބިމުގައި ރެފިއުޖީންނަށްވުން, މިއީ އިޒްރާއިލްގެ އަޅުވެރިކަމުގައި ހަމަ ކޮންމެ ދުވަހަކު އަހަރެމެން ތަޙައްމަލް ކުރަމުންދާ ދިރިއުޅުން" ފަލަޞްޠީނުގެ ނަސްލު ނައްތާލުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް ގޮވާލަމުން ބަސެލް އަދްރާ ދިން ސްޕީޗްގައި ބުނެފައި ވެއެވެ.
ރިއެކްޝަންސް






