
ރާއްޖޭގެ މުސްތަގުބަލަށްޓަކައި އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އިންވެސްޓްކުރުން ލާޒިމު: ރައީސުލްޖުމްހޫރިއްޔާ
ރާއްޖޭގެ މުސްތަގުބަލަށްޓަކައި އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އިންވެސްޓްކުރުން ލާޒިމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ފެންވަރުގައި ޑޭ އޮފް ކްލީން އެނަރޖީ ނުވަތަ ސާފު ހަކަތައިގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މިދުވަސް ފާހަގަކުރާއިރު, މިދުވަހުގެ މުހިންމުކަމާ މެދު ވިސްނާ، ގްރީންހައުސް ގޭސް (ޖީ.އެޗް.ޖީ) ނުވަތަ ޖައްވު ހޫނުކުރާ ވިހަ ގޭސްތައް ބޭރުކުރާ މިންވަރު މަދުކޮށް، ސާފު ހަކަތައަށް ބަދަލުވެ، އަޅުގަނޑުމެންގެ ދުނިޔެ ޙިމާޔަތްކުރުމަށްޓަކައި މަސައްކަތް ކުރެއްވުމަށް ގޮވާލައްވާފައެވެ.
މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ހިރާސް ބޮޑު، ބިންތިރި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އިންވެސްޓްކުރުމަކީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ކުރުމަށް ލާޒިމުކަމެއްކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. އިޔާދަކުރަނިވި ހަކަތަ ކުރިއެރުވުމުގައި، ޚާއްޞަކޮށް ސޯލަރ ޕަވަރ އިނީޝިއޭޓިވްސް ނުވަތަ އިރުގެ އަވިން ހަކަތަ އުފެއްދުމުގެ ރޮނގުން ރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި 2028 ވަނަ އަހަރު ނިމިގެންދާއިރު، ރާއްޖޭގައި ބޭނުން ކުރާ ކަރަންޓު ހަކަތައިގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީ އަދުގެ ސަރުކާރުން ވަރުގަދަ ޢަޒުމެއްގައި ކަނޑައަޅުއްވާފައި އޮތް އަމާޒެއްކަމަށް ވިދާޅުވިއެވެ.
ހަކަތައިގެ ގާނޫނާއި ހަކަތައިގެ ދާއިރާގެ މަގުޗާޓުގައި، ހަކަތައިގެ ސަޕްލައި އަކީ އެކަށީގެންވާ، އިތުބާރު ހިފޭ، ދެމެހެއްޓެނިވި، ރައްކާތެރި އަދި ހެޔޮ އަގުގައި ހަކަތަ ފޯރުކޮށްދޭ ނިޒާމަކަށް ހެއްދެވުމަކީ ސަރުކާރުގެ އަމާޒު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވިއެވެ.
އިޔާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓްތަކުގެ ދާއިރާގައި، ރާއްޖޭގެ ޕްރައިވެޓް ސެކްޓަރއިން މުހިންމު ދައުރެއް އަދާކުރަމުންދާކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، މި މަސައްކަތުގައި ދެމިތިބުމަށް ހިތްވަރު ދެއްވާފައެވެ. މި މަސައްކަތްތަކުގެ ސަބަބުން، ބައިނަލްއަޤުވާމީ ފެންވަރުގައި ކަނޑައަޅާފައިވާ މޫސުމީ ލަނޑުދަނޑިތައް ޙާޞިލުކުރުމުގެ އިތުރުން، ހަކަތައިގެ ރައްކާތެރިކަމާއި، އިޤްތިޞާދީ ހަރުދަނާކަން އިތުރުވެގެންދާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
ސާފު ހަކަތައިގެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ފައިސާގެ އެހީދޭ ބައިވެރިން ދެއްވާ އެއްބާރުލުމަށް އެ މަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ. ކުދި ޖަޒީރާ ޤައުމުތައް، ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް)އަށް ދޭ އެހީ، ކުރިއަށް އޮތް އަހަރުތަކުގައި އިތުރުކުރަން ޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްތައް ޙިމާޔަތްކޮށް، ދުޅަހެޔޮ ވެއްޓެއް ޤާއިމުކޮށް، އެހެން ޤައުމުތަކަށް ވެސް ނަމޫނާއެއްގެ ގޮތުގައި ދިވެހިރާއްޖެ ސާބިތުވެ އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޤައުމާއި ދުނިޔޭގެ ލާބައާއި މަންފާއަށްޓަކައި ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާނީ ސާފު ހަކަތައިގެ މަގުގައިކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ރިއެކްޝަންސް






