ތިލަފުށީގައި ހިންގި ރެއިޑް އޮޕަރޭޝަނެއްގައި 32 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ތިލަފުށީގައި ހިންގި ރެއިޑް އޮޕަރޭޝަނެއްގައި 32 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

11 hours ago - 12:32
Advertisement
Advertisement

މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ "މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް" (އެމްއެމްސީޕީ) ގެ ދަށުން، ކ. ތިލަފުށީގައި އިއްޔެ ހިންގި ޚާއްޞަ ރެއިޑް އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 32 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި، އިއްޔެ ތިލަފުށީގައި ކުރިއަށް ގެންދިޔަ މި ރެއިޑްގައި ޖުމލަ 836 ބިދޭސީން ބަލައި ފާސްކޮށް، އެމީހުންގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ. މި ހަރަކާތުގެ ތެރެއިން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދެވުނު 32 މީހުންނަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ފަރާތްތަކެއް ކަން ވަނީ ފާހަގަކުރެވިފައެވެ.


ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުހަނު ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެކެވެ. މިގޮތުން، ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ހިންގާ "އޮޕަރޭޝަން ކުރަނގީ" ގެ ދަށުން މިހާތަނަށް ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކުރެވިފައެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، އަންނަ އަހަރުން ފެށިގެން ގަވާއިދާ ހިލާފަށް އުޅޭ އެއްވެސް ބިދޭސީއަކު ފެނިއްޖެނަމަ، އިތުރު ފުރުސަތަކާ ނުލައި އެމީހަކު ޑީޕޯޓު ކުރެވޭނެއެވެ.


މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ކުރިއަށް އޮތް ހަ މަސް ދުވަހުވެސް މިފަދަ ހަރަކާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. "އޮޕަރޭޝަން ކުރަނގި" ފޭސް ތިނެއްގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ 2،895 މީހުން ހޯދައި އެ މީހުން ޑީޕޯޓުކުރުމުގެ މަސައްކަތެވެ. މީގެ އިތުރުން، ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތަކާއި، ސައްހަ ވޯކްޕާމިޓް ނުވަތަ ވިސާ ނެތި އުޅޭ މީހުން ހޯދައި ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތްވެސް މި ފޭސްގެ ތެރެއިން ކުރިއަށްދާނެއެވެ.


އިމިގްރޭޝަނުން އިތުރަށް ބުނެފައިވަނީ، ވިޔަފާރިތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ ވޯކް ޕާމިޓް ފީ މުއްދަތު ހަމަވުމުގެ ކުރިން ދެއްކުމަށް ބާރުއެޅުމުގެ ގޮތުން ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. މިގޮތުން، މިހާރު ވޯކް ޕާމިޓް ފީ ނުދެއްކި ހުރި ފަރާތްތަކަށްވެސް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް މި ފޭސްގެ ތެރެއިން ލިބިގެންދާނެއެވެ. ސަރުކާރުގެ އުންމީދަކީ މި ފިޔަވަޅުތަކުގެ ސަބަބުން ދިވެހި ވިޔަފާރިވެރިން އެ މީހުންގެ ބިދޭސީ މަސައްކަތްތެރިން ގަވާއިދުގެ ތެރެއަށް ފެއްތުމަށް އިތުރު ހިތްވަރަކަށް ވެގެންދިއުމެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement