ކޮންގްރެސް ޕާޓީއަކީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ހިނގާ ވަރުގަދަ ޕާޓީއެއްކަން ސާބިތުވެއްޖެ: ވަޒީރު ޝިޔާމް
ނިމިދިޔަ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބާއެކު، އެ ޕާޓީއަކީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ހިނގާ ހަރުދަނާ އަދި ވަރުގަދަ ޕާޓީއެއްކަން ރައްޔިތުންނަށް ސާބިތުކޮށްދެވިއްޖެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު ޝިޔާމް މިފަދައިން ވިދާޅުވީ ކޮންގްރެސް ޕާޓީގެ ދާއިރާތަކާއި ސްޓިއަރިން ކޮމިޓީތަކުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ފަރާތްތަކަށް މަރުޙަބާ ވިދާޅުވެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، ކޮންގްރެސް ޕާޓީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ވާއިރު، ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 80 އިންސައްތައަށްވުރެ ގިނަ އަދަދެއްގެ މެންބަރުން ނިކުމެ ވޯޓުލުމަކީ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.
"މި ނަންބަރުތަކުން ބުނެދެނީ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ސިޔާސަތުތަކަށާއި، އެމަނިކުފާނު ސަރުކާރު ހިންގަވާ ގޮތާމެދު ޕާޓީގެ ރައްޔިތުން ރުހޭކަމާއި، ޕާޓީގެ އާންމު މެންބަރުންގެ ފުރިހަމަ އިތުބާރާއި ތާއީދު އެމަނިކުފާނަށް އޮތްކަން. މި އިންތިޚާބުން ސާބިތުކޮށްދިނީ ކޮންގްރެސް ޕާޓީއަކީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ހިނގާ ހަރުދަނާ، ވަރުގަދަ ޕާޓީއެއްކަން،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ޝިޔާމް ވިދާޅުވީ، މި އިންތިޚާބު ކާމިޔާބު ކުރެއްވި ކޮންމެ ބޭފުޅަކީވެސް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒަށް ކާމިޔާބު ކޮށްދެއްވުމަށާއި، ޕާޓީގެ ވެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ބޭފުޅުން ކަމަށެވެ. އަދި އައު މަޤާމުތަކަށް އިންތިޚާބުވި ބޭފުޅުންނާއެކު ޕާޓީގެ ޙަރަކާތްތައް ކުރިއަށްވުރެ ބާރަށް ކުރިއަށްދާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
ނިމިދިޔަ އިންތިޚާބުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 40,000 އެއްހައި މެންބަރުންގެ ތެރެއިން 85 އިންސައްތަ މީހުން ވަނީ ވޯޓުގައި ބައިވެރިވެފައެވެ. މި އިންތިޚާބުގައި 2,000 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު، މިއީ ރައީސް މުޢިއްޒުގެ ސަރުކާރަށް ރައްޔިތުންގެ އޮތް ބޮޑު އިތުބާރެއް ކަމަށް ޕާޓީގެ ލީޑަޝިޕުން ދެކެއެވެ.
ރިއެކްޝަންސް

