އައްޑޫއިން ސީދާ ސައުދީއަށް އުމްރާ ދަތުރުތައް ފަށައި ތާރީޚީ ބަދަލެއް ގެނެސްފި

އައްޑޫއިން ސީދާ ސައުދީއަށް އުމްރާ ދަތުރުތައް ފަށައި ތާރީޚީ ބަދަލެއް ގެނެސްފި

9 hours ago - 14:48
Advertisement
Advertisement

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސައުދީ އަރަބިއްޔާއަށް ސީދާ އުމްރާ ދަތުރުތައް ފަށައިފިއެވެ.


މިއީ އައްޑޫ ސިޓީއާއި ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް އުމްރާގެ އަޅުކަމަށް ދިއުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ޤައުމީ އެއާލައިން މޯލްޑިވިއަން އާއި އުމްރާ ގްރޫޕެއް ކަމަށްވާ "ދަ ޓްރެވަލާ" ގުޅިގެން ފެށި ދަތުރުތަކެކެވެ.


މި ތާރީޚީ ފުރަތަމަ ފްލައިޓުގައި ކުޑަކުދިން ހިމެނޭހެން ޖުމްލަ 260 އުމްރާވެރިން ވަނީ ގަނުން ސީދާ ސައުދީއަށް ފުރާފައެވެ. މި ދަތުރުގައި މޯލްޑިވިއަންއިން ބޭނުންކޮށްފައިވަނީ އެ އެއާލައިންގެ އޭ330 މަރުކާރުގެ ވައިޑް-ބޮޑީ މަތިންދާބޯޓެކެވެ. ދަތުރުގެ ބައިވެރިންނަށް މޯލްޑިވިއަންގެ ފަރާތުން ވަނީ ޚާއްޞަ ހަދިޔާއެއްވެސް ދީފައެވެ.


މޯލްޑިވިއަންއިން މަޢުލޫމާތު ދޭ ގޮތުގައި، މިއީ އައްޑޫއާއި ދެކުނުގެ ސަރަޙައްދީ ތަރައްޤީއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އަދި މިއީ ފެށުމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ސީދާ ދަތުރުތައް ބޭއްވުމަށް ރާވާފައިވާ ކަމަށް އެ އެއާލައިނުން ބުނެއެވެ.


ދެކުނުގެ ހަތަރު އަތޮޅު (ގާފު އަލިފު، ގާފު ދަހާލު، ފުވައްމުލައް އަދި އައްޑޫ) ގުޅުވާލުމަށް މޯލްޑިވިއަންއިން ޤާއިމުކޮށްފައިވާ "ސައުތު ކަނެކްޓިވިޓީ ނެޓްވޯކް" ގެ ސަބަބުން، މި އުމްރާ ދަތުރަށް އަންނަ މީހުންނަށް ގަނަށް ދިއުމުގައި ބޮޑެތި ފަސޭހަތަކެއް ވަނީ ލިބިފައެވެ.


ރާއްޖެއިން އުމްރާއަށްދާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، ސަރުކާރުގެ ސިޔާސަތަކީ އުމްރާވެރިންނާއި ހައްޖާޖީންނަށް ވީހާވެސް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމެވެ. މޯލްޑިވިއަންއިން އުމްރާ ދަތުރުތައް ފުރަތަމަ ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. އޭގެ ފަހުން އެ އެއާލައިނުން ދަނީ ހައްޖުވެރިން އުފުލުމުގައިވެސް މުހިންމު ދައުރެއް އަދާކުރަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement