ސަރުކާރުގެ މަޝްރޫޢުތަކަށް ބިން ވަކިކުރުމުގެ ބާރު ކެބިނެޓަށް ލިބޭ އިޞްލާޙު ކޮމިޓީން ފާސްކޮށްފި

ސަރުކާރުގެ މަޝްރޫޢުތަކަށް ބިން ވަކިކުރުމުގެ ބާރު ކެބިނެޓަށް ލިބޭ އިޞްލާޙު ކޮމިޓީން ފާސްކޮށްފި

7 hours ago - 17:03

ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ބިން، ކައުންސިލްތަކުގެ އިޚްތިޞާޞުން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭގޮތަށް ލާމަރުކަޒީ ޤާނޫނަށް ހުށަހެޅި އިޞްލާޙު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ފާސްކޮށްފިއެވެ.


މި އިޞްލާޙަކީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހެޅުއްވި އިޞްލާޙެކެވެ. ރޭ ބޭއްވި ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގައި މި ބިލު ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި އިޞްލާޙު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި، ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދުގެ އިތުރުން އަމިއްލަ މެންބަރެއް ކަމަށްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙްމާނެވެ.


ކޮމިޓީ މަރުޙަލާގައި މި ބިލަށް ވަނީ މުހިންމު އަކުރެއް އިތުރުކޮށްފައެވެ. އެއީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހެޅުއްވި، ކައުންސިލްތަކުގެ އިޚްތިޞާޞުން ވަކިކުރެވޭ ބިންތަކުގައި ނުވަތަ ތަންތަނުގައި ޤާނޫނު ހުއްދަކުރާ ގޮތުގެ މަތިން ކައުންސިލުން ނުވަތަ ތިންވަނަ ފަރާތަކުން އިންވެސްޓްމަންޓެއް ކޮށްފައިވާނަމަ، އެފަދަ އިންވެސްޓްމަންޓްތަކަށް މާލީ ވުޒާރާއިން އެކަށީގެންވާ ބަދަލެއް ދޭންޖެހޭނެ ކަމަށް ބަޔާންކުރާ އަކުރެވެ.


ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް މި އިޞްލާޙު ހުށަހެޅުއްވި މައިގަނޑު ސަބަބަކީ، ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްގެންދިއުމަށްޓަކައި ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުމާއި، ދައުލަތުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއާތުތައް ހަރުދަނާކުރުމެވެ.


މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ ބިމެއްގައި ސަރުކާރުގެ މަޝްރޫޢެއް ހިންގުމަށްޓަކައި އެ ބިމެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި، އެކަން ކަމާބެހޭ ޤައުމީ އިދާރާއިން ކައުންސިލަށް އެންގުމާއެކު އެ ބިމެއް ކައުންސިލްގެ މިލްކިއްޔާތުން ވަކިވެ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ތަނަކަށް ބަދަލުވާނެއެވެ.


މީގެއިތުރުން، ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް ޢަމަލުކުރަން ފެށުމުގެ ކުރިންވެސް، ސަރުކާރުގެ މަޝްރޫޢަކަށް ބިމަކަށް އެދިއްޖެނަމަ އެ ބިމެއް ޤައުމީ އިދާރާއާ ޙަވާލުކުރަންވާނެ ކަމަށާއި، ރައްޔިތުންގެ ޖަމާޢީ މަންފާއަށް ހިންގާ މަޝްރޫޢުތަކަށް ކައުންސިލްތަކުން ފުރިހަމަ އެއްބާރުލުން ދިނުން ލާޒިމުވާނެ ކަމަށްވެސް ބިލުގައިވެއެވެ. އަދި މަޤްބޫލު ސަބަބެއް ނެތި ސަރުކާރުގެ މަޝްރޫޢުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް ޢަމަލުކުރުމާއި، މަޝްރޫޢުތައް ހުއްޓުމަކަށް އަންނަ ފަދަ ނިންމުންތައް ނިންމުން ކައުންސިލްތަކަށް މަނާވާނެ ކަމަށްވެސް މި އިޞްލާޙުގައި ވަނީ ކަނޑައަޅާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow