ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލާއި ޑިޖިޓަލް އައިޑެންޓިޓީ ބިލު މަޖިލީހުން ބަލައިގެންފި
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން" ބިލާއި "ޑިޖިޓަލް އައިޑެންޓިޓީ" ބިލު މަޖިލީހުން މިއަދު ބަލައިގެންފިއެވެ. މި ދެ ބިލު އިތުރަށް ދިރާސާކުރުމަށްޓަކައި މިހާރު ވަނީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީއަށް ފޮނުވާފައެވެ.
"މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން" ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީއެވެ. މި ބިލުގެ މައިގަނޑު ބޭނުމަކީ އިތުބާރުހިފޭ، ސަލާމަތްތެރި، އަދި ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ހިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދެވޭނެ ގަވަނަންސް ނިޒާމެއް ގާއިމުކުރުމެވެ.
މި ބިލުގެ ދަށުން "ޑިޖިޓަލް ފަސްޓް" ސިޔާސަތެއް ކަނޑައަޅައި، ދައުލަތުގެ އިދާރީ ހިންގުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ބައްޓަންކުރުމަށްޓަކައި "މޯލްޑިވްސް 2.0" ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް އެކަށައަޅާނެއެވެ. އަދި މި ކަންކަން ވިލަރެސްކުރުމަށްޓަކައި "މޯލްޑިވްސް ޑިޖިޓަލް ސާވިސް" ގެ ނަމުގައި ސަރުކާރުގެ އައު އިދާރާއެއް އުފެއްދުމަށް ވެސް ބިލުގައި ވަނީ ހިމަނާފައެވެ.
މީގެ އިތުރުން، ސަރުކާރުގެ ފަރާތުން އަލިފުށީ ދާއިރާގެ މެންބަރު އަބްދުއްލަތީފް އަބްދުއްރަހްމާން ހުށަހެޅުއްވި "ޑިޖިޓަލް އައިޑެންޓިޓީ" ބިލުގެ ބޭނުމަކީ އޮންލައިންކޮށް ކުރާ މުއާމަލާތްތަކުގައި ހިދުމަތް ހޯދާ ފަރާތްތަކުގެ އައިޑެންޓިޓީ ކަށަވަރުކޮށްދޭނެ ރައްކާތެރި ނިޒާމެއް ގާއިމުކުރުމެވެ. މި ބިލު ފަރުމާކޮށްފައިވަނީ ރާއްޖޭގައި ދިރިއުޅޭ މީހުންގެ އިތުރުން، ރާއްޖެއިން ބޭރުގައި ތިބޭ ދިވެހިންނާއި ރާއްޖޭގައި އުޅުމުގެ ހުއްދަ އޮންނަ ބިދޭސީންނަށް ވެސް އަމާޒުކޮށްގެންނެވެ.
މި ބިލު ގާނޫނަކަށްވާތާ 90 ދުވަހުގެ ތެރޭގައި "ޑިޖިޓަލް އައިޑެންޓިޓީ ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީ" ގެ ނަމުގައި ފަންނީ ލަފާދޭ ކޮމިޓީއެއް އުފައްދަން ޖެހެއެވެ. މި ނިޒާމުގެ ތެރެއިން މީހުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމާއި، މައުލޫމާތު ބޭނުންކުރުން މަނާ ހާލަތްތައް ވެސް ބިލުގައި ވަނީ ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މި ބިލުތައް ހުށަހަޅާފައިވަނީ ރާއްޖޭގެ އިގްތިސާދާއި ހިދުމަތްތައް ޑިޖިޓަލްކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ.
ރިއެކްޝަންސް

