ވ. ރަކީދޫ އާއި މ. ރަތްމަންދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ޖޫން 20 ގައި!

ވ. ރަކީދޫ އާއި މ. ރަތްމަންދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ޖޫން 20 ގައި!

27 minutes ago - 07:53

ވ. ރަކީދޫ އަދި މ. ރަތްމަންދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ (ޑަބްލިއުޑީސީ) އިންތިޚާބު އަންނަ ޖޫން މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.


މި ދެ ރަށުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ، މިދިޔަ އޭޕްރީލް މަހު ބޭއްވި އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާތީއެވެ.


އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 15:30 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރުފަހު 15:30 އިން އިރުއޮއްސި 18:00 އަށެވެ.


މި އިންތިޚާބުގައި ހޮވުމަށް ހަމަޖެހިފައިވާ މަޤާމުތަކުގެ ތެރޭގައި ވ. ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމާއި، އެ ކޮމިޓީގެ މެންބަރަކު ހޮވުން ހިމެނެއެވެ. އަދި މ. ރަތްމަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމާއި، އެ ކޮމިޓީގެ އިތުރު ދެ މެންބަރުން ހޮވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.


އިލެކްޝަންސް ކޮމިޝަނުން ބުނީ، ޖޫން 20 ވާ ހޮނިހިރު ދުވަހު ބާއްވާ މި އިންތިޚާބުގެ ވޯޓު ނެގުން ކުރިއަށްދާނީ ހެނދުނު 8:00 އިން ހަވީރު 16:00 އަށެވެ. ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ މެދުކެނޑުމަކަށް ފަހުގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ ޖޫން 22 ވާ ހޯމަ ދުވަހުއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow