ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ހުށަހެޅި ގަރާރު މަޖިލީހުން ބޭރުކޮށްލައިފި

ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ހުށަހެޅި ގަރާރު މަޖިލީހުން ބޭރުކޮށްލައިފި

2 hours ago - 09:59

ކައުންސިލަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިނުގަނެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.


ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހުމަދު ނަސީމް ހުށަހެޅުއްވި މި ގަރާރަށް މިއަދުގެ ޖަލްސާގައި ބަހުސްކުރުމަށްފަހު، ގަރާރު ބަލައިގަތުމާ މެދު މެންބަރުންގެ މެދުގައި ވަނީ ވޯޓަށް އަހާފައެވެ. މި ވޯޓުގައި ގަރާރު ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 14 މެންބަރުންނެވެ. ގަރާރު ބޭރުކޮށްލުމަށް 48 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.


މީކާއީލް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ، ލާމަރުކަޒީ ގާނޫނުގެ ދަށުން އެންމެ ބޮޑު ޒިންމާއެއް އަދާކުރަނީ ކައުންސިލަރުން ކަމަށްވީ ނަމަވެސް، އެ ބޭފުޅުންނަށް އެކަށީގެންވާ އުޖޫރައެއް ނުލިބޭ ކަމަށެވެ. ގާނޫނަށް ގެނައި އިސްލާހުތަކާއެކު މަސްއޫލިއްޔަތުތައް އިތުރުވެ، މަސައްކަތުގައި ހޭދަކުރަންޖެހޭ ވަގުތު އިތުރުވެފައިވާކަން އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ.


ކައުންސިލަރުންގެ މުސާރައިގެ އޮނިގަނޑުގައި ހުރި ކަންބޮޑުވުންތައް ފާހަގަކުރައްވަމުން މީކާއީލްގެ ގަރާރުގައި ބަޔާންކޮށްފައިވަނީ:

  • ކައުންސިލްގެ ރައީސްގެ މުސާރަ، އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މުސާރައަށްވުރެ ކުޑަވުން.
  • ކައުންސިލްގެ ނައިބު ރައީސްގެ މުސާރަ، ކައުންސިލް އެގްޒެކެޓިވެއްގެ މުސާރައަށްވުރެ ކުޑަވުން.
  • ކައުންސިލް މެންބަރެއްގެ މުސާރަ، ކައުންސިލްގެ ބައެއް އާދައިގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށްވުރެ ކުޑަވުން.

މީގެއިތުރުން، ރައްޔިތުން އިންތިހާބުކުރާ ކައުންސިލަރުންގެ މުސާރަ، ސަރުކާރުން ސިޔާސީ މަގާމުތަކަށް އައްޔަނުކުރާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނަށްވުރެ ކުޑަވުމަކީ އިންތިހާބީ އޮފިޝަލުންގެ ބާރުވެރިކަމަށް އުނިކަން އަންނަ ކަމެއްގެ ގޮތުގައި މީކާއީލް ވަނީ ސިފަކުރައްވާފައެވެ.


ކައުންސިލަރުންނަކީ 24 ގަޑިއިރު ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ދެމިތިބޭ ބަޔަކަށް ވެފައި، އެ ބޭފުޅުންނަށް އިތުރުގަޑީގެ ފައިސާ ނުލިބޭތީ، މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެ ގަރާރުގައި ބާލާފައިވެއެވެ. ނަމަވެސް، މަޖިލީހުގެ އަޣުލަބިއްޔަތުން ނިންމީ މި ގަރާރު ބަލައިނުގަތުމަށެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow