ކުއްލި ގޮތަކަށް ނިޔާވި ސިފައިންގެ ބޭކަލެއްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާން މިއަދުގެ ވަގުތެއްގައި ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު މީސްމީޑިއާގެ މަންސަ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މި ފުން ހިތާމައިގެ ވަގުތުގައި ނިޔާވި ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާނުގެ ލޮބުވެތި ޢާއިލާއަށާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެންމެހައި ސިފައިންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައެވެ.
ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާނަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި (އެމް.އެން.ޑީ.އެފް) 21 އަހަރާއި 7 މަހާއި 16 ދުވަހުގެ ދިގު މުއްދަތެއްގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރައްވާފައިވާ ބޭކަލެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަޢުޒިޔާގެ މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ، "މާތްﷲ، ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާނުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި ލޮބުވެތި ޢާއިލާއަށް ސާބިތުކަމާއި ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ."
ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާނު ކުއްލި ގޮތަކަށް ނިޔާވުމަކީ ދިވެހި އަސްކަރިއްޔާއަށް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ. އޭނާ ފާހަގަކުރެވިފައިވަނީ ޤައުމީ ޚިދުމަތުގައި ނަމޫނާ ދެއްކެވި ހީވާގި ބޭކަލެއްގެ ގޮތުގައެވެ.
ރިއެކްޝަންސް





