ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކް ސްޓެލްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކް ބެލެހެއްޓުމާއި ޚިދުމަތް ދިނުމުގެ މަސްއޫލިއްޔަތު ސްޓެލްކޯއާ ހަވާލުކުރުމަށްޓަކައި، އެ ކުންފުންޏާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ސްޓެލްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒްވަރު އެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ (ރޓޑ) ޢަލީ ޒުހައިރު އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކް ސްޓެލްކޯއާ ހަވާލުކުރަން ނިންމީ، އެ ސަރަޙައްދަކީ މިހާރު އެންމެ ހަލުވިކަމާއެކު އާބާދީ އިތުރުވަމުންދާ އަދި އެންމެ ގިނަ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގާފައިވާ ސަރަޙައްދު ކަމަށްވާތީ، ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި އިތުބާރު ހުރި ކަރަންޓުގެ ޚިދުމަތެއް ކަށަވަރުކޮށްދިނުމުގެ މަޤްޞަދުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯއިން ފާހަގަކުރި ގޮތުގައި، މާލެ ސަރަޙައްދާއި އަތޮޅުތެރޭގެ ރަށްރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަކީ އެ ކުންފުނީގެ މުހިންމު އަމާޒެކެވެ. މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިމާވެދާނެ ކުއްލި ޙާލަތްތަކަށް އިޖާބަދިނުމަށްޓަކައި "އެމަޖެންސީ ރެސްޕޮންސް ސެންޓަރެއް" ޤާއިމްކުރުމަށް ބޭނުންވާ ޖާގަވެސް އެޗްޑީސީން ވަނީ ސްޓެލްކޯއާ ހަވާލުކޮށްފައެވެ.
މީގެ އިތުރުން، ދެ ކުންފުނީގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމުގެ ގޮތުން ސްޓެލްކޯގެ ފަރާތުން ވަނީ އެޗްޑީސީއަށް ލައިޓް ޕޯސްޓްތަކެއްވެސް މިއަދު ހަދިޔާކޮށްފައެވެ. މި ނިންމުމާއެކު، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ބެލެވެއެވެ.
ރިއެކްޝަންސް





