މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މާލީ އެހީތެރިކަން އިތުރުކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މާލީ އެހީތެރިކަން އިތުރުކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

1 hour ago - 21:18
Advertisement
Advertisement

މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވާ ޤައުމުތަކުގެ ވިލުންތެރިކަން އިތުރުކުރުމަށްޓަކައި، ބައިނަލްއަޤްވާމީ ބައިވެރިންގެ އެހީތެރިކަމާއި ކްލައިމެޓް ފައިނޭންސިންގ ނުވަތަ މޫސުމީ ކަންކަމަށް ޚާއްޞަ މާލީ އެހީ އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ގޮވާލައްވައިފިއެވެ.


ނައިބު ރައީސް މިކަމަށް ގޮވާލެއްވީ، "ބަރލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2024" ފެށުމުގެ ގޮތުން ބޭއްވި މަތީ ފަންތީގެ ސެގްމަންޓުގައި "ކްލައިމެޓް މޮބިލިޓީ ޕްރިންސިޕަލްސް" ނުވަތަ މޫސުމީ ހިޖުރަކުރުމާ ގުޅޭ އުސޫލުތަކުގެ މައްޗަށް ދެއްކެވި ވާހަކަފުޅުގައެވެ.


އެމަނިކުފާނުގެ ވާހަކަފުޅުގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ އާންމު ދިރިއުޅުމަށާއި، ޤައުމުގެ ކުރިމަގަށާއި ތަރައްޤީގެ މަޝްރޫޢުތަކަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި މި ގެއްލުންތައް ކުޑަކުރުމަށްޓަކައި ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދުމަކީ މިވަގުތަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް ވިދާޅުވިއެވެ.


މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ފަރުތައް ހިމާޔަތްކުރުމާއި ރަށްރަށުގެ ބިނާރާއި ވިލުންތެރިކަން އިތުރުކުރުމަށް ދޭ އަހަންމިއްޔަތުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، ހުޅުމާލެއަކީ މޫސުމީ ވިލުންތެރިކަމުގެ ރަނގަޅު މިސާލެއް ކަމަށާއި، މިހާރު ތަރައްޤީކުރަމުންދާ ރަސްމާލެއަކީވެސް އިންސާނީ އަދި އިޤްތިސާދީ ތަރައްޤީއަށް ފަހިވާނޭހެން މި އުސޫލުތަކުގެ މައްޗަށް ބިނާކުރާ ސަރަޙައްދެއްކަން ފާހަގަކުރެއްވިއެވެ.


ކްލައިމެޓް މޮބިލިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ރަށްރަށުގެ ރައްޔިތުން ވަޒަންވެރިވެ ތިބެން ބޭނުންވާ ޙާލަތުގައި އެ ފުރުޞަތު ފަހިކޮށްދޭންޖެހޭނެ ކަމަށެވެ. އަދި ރަށަކުން ހިޖުރަކުރަންޖެހޭ ޙާލަތެއް މެދުވެރިވި ނަމަވެސް، އެއީ ރޭވިގެން، އަމިއްލަ އިސްނެގުމާއެކު، އިންސާނީ ކަރާމާތް ނުގެއްލޭނެ ފަދަ ގޮތަކަށް ހިންގޭ މަޝްރޫޢަކަށް ވާންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، މޫސުމީ ނުރައްކަލަށް ހުށަހެޅިފައިވާ ކުދި ޤައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަމާއި، ޓެކްނޮލޮޖީ އަދި ތަމްރީނު ފޯރުކޮށްދިނުމަށް ތަރައްޤީގެ ބައިވެރިންނަށް އިލްތިމާސްކުރައްވަމުންނެވެ. އަދި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރާ، ވިލުންވެރި ކުރިމަގެއް ހޯދައިދިނުމަށް ވަކާލާތުކުރާ އުސޫލުތަކަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement