
ރޯދައަށް ހުޅުމާލެ ބޮޑު މިސްކިތް އޭސީކޮށް އަލުން ހުޅުވައިފި
ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލޭގެ މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީ (ހުޅުމާލޭ ބޮޑު މިސްކިތް) މަރާމާތުކޮށް، އެއަރ ކޮންޑިޝަންކުރުމަށްފަހު އަލުން ހުޅުވައިފިއެވެ.
މާލޭސިޓީ ކައުންސިލުން ވިދާޅުވީ މި މަސައްކަތަކީ އެ ކައުންސިލްގެ އެދުމުގެ މަތިން، އުރީދޫ މޯލްޑިވްސްއާއި "ގަތަރު ޗެރިޓީ" ގުޅިގެން ކުރިއަށްގެންދިޔަ މަސައްކަތެއް ކަމަށެވެ.
މިސްކިތް މަރާމާތުކުރުމުގެ މަސައްކަތް ފެށީ މިދިޔަ ޖެނުއަރީމަހުގެ ތެރޭގައެވެ. މަރާމާތުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މުޅި މިސްކިތް އެއަރ ކޮންޑިޝަންކުރުމާއި، ކުލަ ލުމާއި، ދޮރުތައް ރީތިކުރުމުގެ އިތުރުން އިތުރު ފާޚާނާ ބަރިއެއް ތަރައްޤީކުރުން ހިމެނެއެވެ.
އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ޚާލިދު ޙަސަން އަލް ހަމާދީ ވިދާޅުވީ އުރީދޫއިން ދިވެހި މުޖުތަމަޢުއަށް އެހީވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ހުޅުމާލޭގެ އެންމެ ބޮޑު އެއް މިސްކިތް މަރާމާތުކުރުމަކީ އެ ކުންފުންޏަށް ލިބުނު އުފަލެއް ކަމަށެވެ.
2006 ވަނަ އަހަރު ހުޅުވި މި މިސްކިތަކީ 1800 އަށްވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭ، މިވަގުތައް ހުޅުމާލޭގައި ހުރި އެންމެބޮޑު އެއް މިސްކިތެވެ. މި ރޯދަމަހަށް މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށްޓަކައި މާލޭސިޓީ ކައުންސިލާއި އަދި އިސްލާމިކް މިނިސްޓްރީން ގެންދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
އިސްލާމީ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ބަރަކާތްތތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހކީ 1 މާރޗުވާ ހޮނިހިރު ދުވަހެވެ.
ރިއެކްޝަންސް






