
ނ.އަތޮޅަށް ދެވަނަ އެއަޕޯޓެއްގެ ވައުދު
ވިހަފަރުގައި އެއަޕޯރޓް އެޅުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ
ނ.އަތޮޅުގައި ދެވަނަ އެއަޕޯޓެއް އަޅައިދޭނެ ކަމުގެ ވައުދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވެވަޑައިގެންފިއެވެ. އެމަނިކުފާނު މިވައުދު ވެވަޑައިގަތީ މިހާރު ނ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހޮޅުދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ނ.އަތޮޅުގައި ދެވަނަ އެއަޕޯޓެއް އަޅަނީ ހޮޅުދޫ ކައިރީގައި އޮންނަ ވިހަފަރުގައެވެ. ރައީސް ވިދާޅުވީ ވިހަފަރުގައި އެތެރޭގެ އުދުހުންތަކަށް ބޭނުންކުރާ ވައިގެ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފައްޓަވާނެ ކަމަށެވެ.
މިހާރު ނ.އަތޮޅުގައި އެއަޕޯޓް އޮތީ މާފަރުގައެވެ. އެއީ ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓަށްފަހު އެންމެ ގިނަ ފްލައިޓް ޖައްސާ އެއް އެއަޕޯޓެވެ. ރައީސުލްޖުމޫހޫރިއްޔާ ވިދާޅުވީ، އެ އަތޮޅު މާފަރުގައި ވައިގެބަނދަރެއް އޮތްކަމުގައި ވިޔަސް، ހޮޅުދޫ، ވެލިދޫ އަދި ފޮއްދޫ ހިމެނޭ ސަރަޙައްދުގައި އިތުރު ވައިގެބަނދަރެއް އޮތުން މުހިންމުކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. ވަކިން ޚާއްޞަކޮށް ފަތުރުވެރިކަމުގެ ގޮތުން ކުރިއަރާފައިވާ އަދި ކުރިއަރަމުންދާ އަތޮޅެއްގެ ގޮތުންނާއި، އިޤްތިޞާދު ސިންދަފާތުކުރުމުގެ ބޮޑެތި މަޝްރޫޢުތައް ހިނގާނޭ އަތޮޅެއްގެ ގޮތުން، މި ވައިގެ ބަނދަރު އޮތުމުން ދުރު ރާސްތާގައި ލުއިފަސޭހައާއި ފައިދާ ލިބޭނޭކަމަށްވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ހޮޅުދޫގެ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމޫހޫރިއްޔާ ވަނީ، އެ ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ހޮޅުމީދޫ ބޭނުންކުރަން ފަށަން ފުރިހަމަކުރަންޖެހޭ އަސާސީ ޢުމްރާނީ ވަސީލަތްތައް ފުރިހަމަކުރުމުގެ މަސައްކަތްތައްވެސް އަންނަ އަހަރު ފެއްޓުމަށް ނިންމަވާފައިވާކަން އިޢުލާނު ކުރައްވާފައެވެ. މީގެ އިތުރުން، ނިއު ޕޮލިސީ އިނީޝިއެޓިވްސްގެ ތެރޭގައި ހިމެނިގެން، އެ ރަށުގައި އިސްލާމީ މަރުކަޒެއް އިމާރާތްކުރުމުގެ މަސައްކަތްވެސް އަންނަ އަހަރަށް ތާވަލުކުރެވިފައިވާކަމަށް ވިދާޅުވިއެވެ.
ރިއެކްޝަންސް






