
ކުޅުދުއްފުށީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފި
ހދ. ކުޅުދުއްފުށި ސިޓީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު އޭޓީއެމްއެއް ބަހައްޓައި، ޚިދުމަތް ދޭން ފަށައިފިއެވެ.
މި އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހިމްއެވެ.
ބީއެމްއެލްއިން ބުނީ މި އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ބޭރު ފައިސާގެ މުޢާމަލާތްތައް ކުރެވޭނެ ކަމަށެވެ. އަދި ސިޓީގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭންކުގެ ރަސްމީ ގަޑީގެ ބޭރުންވެސް ޑޮލަރު ޖަމާކުރުމާއި ނެގުމުގެ އިތުރުން އެހެނިހެން ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތްތައް ލިބޭނެއެވެ.
ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލްއަކީ ހުރިހާ ދިވެހިންގެ ބޭންކު ކަމަށާއި، އެ ބޭންކުން ތަޢާރަފުކުރާ ކޮންމެ ޚިދުމަތަކީ އެއް މަޤްޞަދަކަށްޓަކައި ކުރާ މަސައްކަތެއް ކަމަށެވެ.
ކުޅުދުއްފުށީގައި ޑޮލަރު އޭޓީއެމް ބެހެއްޓުމާއެކު، އެ ސަރަހައްދުގެ ފަތުރުވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ވެސް ބީއެމްއެލް އިން ވިދާޅުވެއެވެ. ބީއެމްއެލްއިން މިހާރު ވަނީ އައްޑޫ، މާފުށި، މާލެ، ހުޅުމާލެ އަދި ވެލާނާ އެއަރޕޯޓުގައިވެސް ޑޮލަރު އޭޓީއެމް ބަހައްޓާފައެވެ.
ރިއެކްޝަންސް






