ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ: ރައީސް

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ: ރައީސް

1 hour ago - 11:02

ދިވެހިރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، އެ ތަކެތީގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް މި ސަރުކާރުން ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.


ރައީސުލްޖުމްހޫރިއްޔާ މި ޔަގީންކަން ދެއްވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ހިއްސާކުރެއްވި ޚާއްޞަ ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ނައްތާލުމާއި، އާންމު ސިއްހީ ހާލަތު ރަނގަޅުކުރުމަށް ކުރާ މަސައްކަތްތަކަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މުހިއްމު ކަންކަން ކަމަށެވެ. އެގޮތުން، ހަރުދަނާ ނިޒާމެއްގެ ތެރެއިން ދިރާސީ މަޢުލޫމާތުގެ އަލީގައި މުޅި މުޖުތަމައު ގުޅިގެން މަސައްކަތް ކޮށްފިނަމަ، ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުން ރައްކާތެރިވެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލު ދެއްވަމުން ރައީސް ވިދާޅުވީ:

  • ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތައް ހެދުން.
  • ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތި ކޮންޓްރޯލްކުރުމުގެ ނިޒާމު ހަރުދަނާކުރުން.
  • ކާބޯތަކެތީގެ ރައްކާތެރިކަން ދެނެގަތުމަށް ބޭނުންވާ ގައުމީ ފަންނީ ގާބިލުކަން އިތުރުކުރުން.

މި ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒު ވަނީ އިޒްރޭލުގެ އުދުވާނުގެ ސަބަބުން ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރައްކާތެރި ކާބޯތަކެތިން މަހުރޫމްވެފައިވާ މީހުންގެ މަތިން ހަނދާންކުރައްވާފައެވެ. ޚާއްޞަކޮށް، ތަޣައްޔަރުވެފައިވާ ފެން ބޭނުންކުރަން މަޖުބޫރުވެފައިވާ ފަރާތްތަކަށް ކުރިމަތިވެފައިވާ ކާރިސީ ހާލަތުން އަރައިގަތުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. ރައީސް ޕޯސްޓު ނިންމަވާލެއްވީ، ވަރުގަދަ މިންގަނޑުތަކަކާއެކު އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ، ދުނިޔޭގެ ހުރިހާ ރައްޔިތުންނަށްވެސް ރައްކާތެރި މުސްތަގުބަލެއް ކަށަވަރުކުރެވޭނެ ކަމުގެ އުންމީދާއެކުގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow