ރަސްމާލޭގެ 50 އިންސައްތަ ބިން ހިއްކައި ނިމިއްޖެ
މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ "ރަސްމާލެ" މަޝްރޫއަށް ބޭނުންވާ ބިމުގެ 50 އިންސައްތަ ހިއްކައި ނިމިފައިވާ ކަމަށް އިމާރާތްކުރުމާއި، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ފުށިދިއްގަރުފަޅުން ރަސްމާލެ ތަރައްގީކުރުމަށް ހިއްކަން ކަނޑައަޅާފައިވާ ބިމުގެ ތެރެއިން މިހާތަނަށް 500 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށެވެ. މިއީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި އެއްކޮށްލުމުން ލިބޭ ބޮޑުމިނުގެ ސަރަހައްދެކެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާ ގުޅިގެން، މަޝްރޫއުގެ ތާވަލަށް ކުރިއަށް އޮތް ތަނުގައި ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް، މިހާރު ހުޅުވާލާފައިވާ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ބިމަށް އެދި ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަން މަރުހަލާ ނިމި، ބިން ލިބޭ ފަރާތްތައް ކަނޑައެޅެންވާއިރަށް ހުރިހާ ބިމެއް ހިއްކައި ނިންމާލެވޭނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
"އެހެންނަމަވެސް އަޅުގަނޑުމެން މިހާރު ހުޅުވާލާފައިވާ އެޕްލިކޭޝަން ޕްރޮސެސް ނިމި (ބިން ލިބޭ) ފަރާތްތައް ހޮވެންވާއިރަށް އިރާދަކުރެއްވިއްޔާ ބިންތައް ހިއްކައި ނިންމައި އެފަރާތްތައް ކަނޑައަޅައި އެ ފަރާތްތަކަށް ބިން ހަވާލުކުރެވޭ މިންވަރަށް ގެންދެވޭނެ،" ޑރ. މުއްތަލިބު ވިދާޅުވިއެވެ.
މީގެ އިތުރުން، ވަޒީރު ވަނީ މި ސަރުކާރުން ނުހިއްކާ ހުރި ކަނޑުފަޅުން އެއްވެސް ފަރާތަކަށް ގޯތި ދޫނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. މިކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ކުރީ ސަރުކާރުން ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި، ގުޅިފަޅު އަދި ގިރާވަރުފަޅުން ގޯތި ދޫކުރިއިރު އެއިން އެއްވެސް ތަނެއްގެ ބިން ހިއްކައި ނިމިފައިނުވާ ކަމަށެވެ.
ކުރީ ސަރުކާރުން ދޫކުރި ބިންތައް ހިއްކުމުގެ މަސައްކަތްވެސް ބާރުދުވެލީގައި މި ސަރުކާރުން ކުރިއަށްގެންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ގުޅިފަޅާއި ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކައި ނިންމާފައިވާއިރު، މިހާރު ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތްވެސް ހަލުއިކަމާއެކު ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރިއެކްޝަންސް





