
މަތީ ތަޢުލީމުގެ ލޯނު ސްކީމަށް ކުރިމަތިލި ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރަން ރައީސް ނިންމަވައިފި
މަތީ ތަޢުލީމުގެ ލޯނު ސްކީމަށް ކުރިމަތިލި ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ސޯޝަލް މީޑިޔާގެ ވަސީލަތްތަކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ދޫކުރާ ލޯނު ސްކީމަށް މި އަހަރު ކުރިމަތިލާފައިވާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވެފައިވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް، ކަމާ ބެހޭ ވުޒާރާތަކަށް އެމަނިކުފާނު އަންގަވާފައިވާނެ ކަމަށެވެ.
މިއަހަރު މި ލޯނު ސްކީމަށް ކުރިމަތިލާފައިވާ ދަރިވަރުންގެ ތެރެއިން 806 ދަރިވަރެއްގެ ހުރިހާ ޝަރުތެއް ހަމަވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާ އެކު، މި ހުރިހާ ދަރިވަރުންނަށް ލޯން ސްކީމުން ފުރުޞަތު ލިބޭނެއެވެ.
މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތު ފަހިކޮށް ފުޅާކުރުމަކީ މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ސިޔާސަތެކެވެ. އެކަމަކު މިފަދަ ނިންމެވުމެއް ނިންމަވާ ތަންފީޒު ކުރެއްވުމަށް ރައީސް އަންގަވާފައި މިވަނީ ލޯނު ފައިސާ ލިބުން ލަސްވާ ކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.
ރިއެކްޝަންސް






