މިސަރުކާރުން ސިޔާސީ ބޭނުމުގައި ސިޔާސީ މީހަކު ހައްޔަރު ނުކުރާނެ: ރައީސް
މިސަރުކާރުން ސިޔާސީ ބޭނުމުގައި އެއްވެސް ސިޔާސީ މީހަކު ހައްޔަރު ނުކުރާނޭކަމަށާއި މިސަރުކާރުން ޤާނޫނީ ހަމަހަމަކަން ދަމަހަައްޓަވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ވަޒީރެއްގެ މައްޗަށް އުފުލިފައިވާ ތުހުމަތުތަކާއި ގުޅިގެން، އެފަދަ ބާރުގަދަ ފަރާތްތަކުގެ މައްޗަށް ޤާނޫނު ނުހިނގާކަމަށް ދެކެވޭ ވާހަކަތަކާއިމެދު ނޫސްވެރިއަކު ކުރިމަތި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިސަރުކާރުން އެއްވެސް ސިޔާސީ ފަރާތެއް ސިޔާސީ ބޭނުމުގައި ހައްޔަރު ނުކުރާނޭކަމަށާއި މިހާތަނަށްވެސް އެފަދަ ކަމެއް ކޮށްފައިނުވާކަމަށެވެ. އަދި، އެފަދަ ޢަމަލުތަކަކީ ބަދަލުހިފުމުގެ ޢަމަލުތަކެއްކަމަށާއި އެކަމަކީ އެމަނިކުފާނު ނިމުމަކަށް ގެންނަވާފައިވާ ކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ.
މިމައްސަލައަކީ ވަރަށް ހައްސާސް މައްސަލައެއްކަމަށާއި މިފަދަ މައްސަލައެއްގައި، ތުހުމަތުވެވޭ ފަރާތަކީ ކޮންމެ ފަރާތަކަށްވީނަމަވެސް، ޤާނޫނުގެ ބާރު ހިނގާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން، ޤާނޫނު ތަންފީޒުކުރުމުގައި، އެޢަމަލެއް ހިންގިކަމަށް ބެލެވޭ ފަރާތަކާއި މެދު ޑިއު ޕްރޮސެސް ހިންގޭނޭކަމަށާއި އެކަމަށް ދަޢުލަތުން ފުރުޞަތު ދޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، އެފަދަ ކަންކަމަށް މިސަރުކާރުން އެއްވެސް ހުރަހެއް ނާޅާނޭކަމާއި އެއްވެސް ނުފޫޒެއް ނުފޯރުވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
"ރޫލް އޮފް ލޯ ތަންފީޒުކުރުން، ޤާނޫނު އަސާސީ ނަގަހައްޓާ ދެމެހެއްޓުން، އިންސާނީ ޙައްޤުތައް ހިމާޔަތްކުރުން، މިހެންގޮސް މިހުރިހާކަމެއް އެއީ މިތަނުގައި ޔަޤީންކަން ލިބިފައިވާ ކަންކަންކަމުގައި ވާންޖެހޭނެ،" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެއްވެސް ޙާލަތެއްގައި އެއީ ސިޔާސީކަމެއް ނޫންކަމަށާއި ދުވަހަކުވެސް، ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކާއި ދޭތެރޭ ފިޔަވަޅެއް އެޅުން އެއީ މިއަދާއި ހަމައަށްވެސް ކުރެއްވިކަމެއް ނޫންކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް އެފަދަ ކަމެއް ނުކުރައްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރިއެކްޝަންސް





