ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ރައީސް ބައްލަވާލައްވައިފި
މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ މަސައްކަތްތައް ހިނގަމުންދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫޢުގެ ސައިޓަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް، މަގު ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ވަޑައިގެންފައެވެ. އެގޮތުން މަޝްރޫޢުގެ ފޭސް 1 ގެ ދަށުން ހިމެނޭ ސެގްމަންޓް 2 އިން ފެށިގެން 5 އާ ހަމައަށް މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރު އެމަނިކުފާނު ވަނީ ވަޒަންކުރައްވާފައެވެ.
ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން އަލުން ހެދުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ ފުރަތަމަ މަރުޙަލާގައި ނިންމާފައިވަނީ ޖުމްހޫރީމައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު، ފަޅުތެރެއިން ބައެއް ހިއްކައިގެން ހަތަރު ލޭނަށް މަގު ފުޅާކުރުމަށެވެ.
މި ސަރަހައްދުގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލާފައިވަނީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ. އަދި މަޝްރޫޢުގެ ދެވަނަ ސެގްމެންޓުގެ ދަށުން، ރަސްމީ ފާލަމުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މަގު ފުޅާކޮށް ތާރުއެޅުމުގެ މަސައްކަތް ނިންމައި، އެ ސަރަހައްދު ހުޅުވާފައިވަނީ 2026 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައެވެ.
9 އޭޕްރިލް 2025 ގައި އެމް.ޓީ.ސީ.ސީ. އާ ޙަވާލުކޮށްގެން ފެށި މި މަޝްރޫޢަކީ މާލޭގެ ޓްރަފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަޝްރޫޢު އެއްކޮށް ނިމުމުން، ބޮޑުތަކުރުފާނު މަގު ވެގެންދާނީ ޒަމާނީ ފެންވަރުގެ ފެން ހިންދާ ނިޒާމު ގާއިމުކުރެވިފައިވާ، ހިނގާބިނގާވާ މީހުންނަށާއި ދުއްވާ ތަކެއްޗަށް އަމާން އަދި ހިތްފަސޭހަ މަގަކަށެވެ.
ރިއެކްޝަންސް









