ދައުލަތުގެ ދެމެހެއްޓެނިވި ތަރައްޤީ ބައްޓަންވެފައިވަނީ ސަރަޙައްދީ ތަރައްޤީގެ މައްޗަށް: ރައީސް
ދައުލަތުގެ ދެމެހެއްޓެނިވި ތަރައްޤީ ބައްޓަންވެފައިވަނީ ސަރަޙައްދީ ތަރައްޤީގެ މައްޗަށްކަމަށާއި ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ރައްޔިތަކު އިސްތިސްނާނުކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ގްރޭޓަރ މާލެ ރީޖަންގެ ތޮއްޖެހުމަށް އިޝާރާތްކުރައްވައި ނޫސްވެރިޔަކު ދެންނެވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
އެގޮތުން، މިސަރުކާރުގެ އަމާޒަކީ ދެމެހެއްޓެނިވި ތަރައްޤީކަމަށާއި އެއަމާޒަށް ވާސިލުވުމަށް މާލެއަކީ ސެންޓްރަލް ޒޯނަށް ހެދުމަށްފަހު، އުތުރާއި ދެކުނުގެ ދެސަރަޙައްދެއްގައި އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯން އަދި، ހަތް އާބަން ސެންޓަރު ޤާއިމްކުރާނެކަން އިޢުލާންކޮށް އެކަމުގެ ޢަމަލީ މަސައްކަތް ފެށިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ވައިގެ މަގުން، ޓްވިން އޮޓަރގެ އެހީގައި، ދެކުނުގެ ދަތުރުފަތުރުގެ ވިއުގަ މިހާރު ގުޅާލެވިފައިވާކަމަށާއި، އުތުރުގެ ދަތުރުފަތުރުގެ ވިއުގަ މިމޭރުމުން ގުޅުވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި، މި ސަރަޙައްދުތަކުގައި ޓާޝަރީ ހޮސްޕިޓަލުތަކާއި، ސްކޫލްތައް ޤާއިމްކުރެވި، ރައްޔިތުންގެ ފަހި ދިރިއުޅުމަކަށް ބޭނުންވާ ޚިދުމަތްތައް ޤާޢިމްކުރުމުގެ މަސައްކަތްތައް މިހާރު ތަރުތީބުކުރެވެމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިކަންކަން ތަންފީޒުވެ، ޚިދުމަތްދެވެން ފެށުމުން، ރައްޔިތުންގެ އަމިއްލަ އިސްނެގުމަށް، އެސަރަޙައްދުތަކަށް މީހުން ބަދަލުވުމުގެ މަސައްކަތްތައްވެސް ފެށިގެންދާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިފަދަ އެއްފަސްކުރުމުގެ ސިޔާސަތެއް ދަޢުލަތުން ތަންފީޒުކުރަމުންދާ އިރު، ކޮންމެ ރަށަކަށް ވަކި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން މަޝްރޫޢުތައް ހިންގަމުންދާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން، ކޮންމެ ރަށެއްގައި ފިޓްނަސް ސެންޓަރު، ފުލުހުންގެ ޚިދުމަތް، އޭޓީއެމްގެ ޚިދުމަތް، އަދި ހެލްތް ސެންޓަރުގެ ޚިދުމަތް ފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫޢުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިޚިދުމަތްތައް ފޯރުކޮށްދެނީ، ޤާނޫނު އަސާސީއިން ލިބިދޭ ހަމަހަމަކަމުގެ ހައްޤުގެ ދަށުން، އެއްވެސް ރައްޔިތެއް އިސްތިސްނާނުކުރެވޭ އުސޫލުގެ ދަށުންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މިއީ ރާވައިގެން، ރައްޔިތުންގެ ލާބައަށް ކުރިއަށް ގެންދެވޭ މަޝްރޫޢުތަކެއްކަމުގަައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި، މިފަދަ މަޝްރޫޢުތައް ހިންގަމުން، ދެމެހެއްޓެނިވި ތަރައްޤީއަށް، މެދު އަދި ދުރުރާސްތާގެ ތަރައްޤީގެ އަމާޒުތައް ޙާޞިލްކުރުމަށް، އިންޓަގްރޭޓެޑް ޒޯން އަދި އާބަން ސެންޓަރުތައް އެންމެ މަތީ ފެންވަރަށް ތަރައްޤީކުރެވޭނެ ކަމަށާއި އޭގެ ސަބަބުން މާލެ ސަރަޙައްދަށް މަޖުބޫރީ ޙާލަތުގައި ހިޖުރަކުރި ފަރާތްތަކުގެ އެ މަޖުބޫރީ ޙާލަތް އުވި، އަމިއްލަ ރަށުން ނުވަތަ ރަށާއި ކައިރި ސަރަޙައްދަކުން، ފަހި ދިރިއުޅުމެއް ލިބޭނޭ މަގު ތަނަވަސްވެގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރިއެކްޝަންސް





