
ރޯދަ އަދި އީދު ޗުއްޓީއާ ގުޅިގެން މޯލްޑިވިއަންގެ އިތުރު ދަތުރުތަކެއް ތާވަލުކޮށްފި
ރޯދަ އަދި އީދު ޗުއްޓީ ނިމޭ ދުވަސްވަރާއި ދިމާކޮށް މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ ޑިމާންޑް ބޮޑުވުމާ ގުޅިގެން އިތުރު ދަތުރުތަކެއް ތާވަލްކޮށްފިއެވެ.
މޯލްޑިވިއަނުން ބުނީ މިމަހުގެ 7 ވަނަ ދުވަހުން 9 ވަނަ ދުވަހާއި ހަމައަށް އިތުރު ދަތުރުތަކެއް ތާވަލްކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ގަން، ކުޅުދުއްފުށި، ފަރެސްމާތޮޑާ، ފުވައްމުލައް، ހޯރަފުށި އަދި ތިމަރަފުށްޓަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.
1617 އަށް ގުޅައިގެން ނުވަތަ މޯލްޑިވިއަންގެ ވެބްސައިޓުން މިދަތުރުތަކަށް ބުކިން ހެއްދޭނެކަމަށް ވެސް އެކުންފުނިން ބުންޏެވެ.
މިއަހަރުގެ ރޯދަ މަހު ސްކޫލްތައް ބަންދުކޮށްފައިވާއިރު، ރޯދަ މަހުގެ ފަހު 10 ދުވަހާއި ފިތުރު އީދުގެ މުނާސަބަތާއި ގުޅިގެން މިމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު އޮފީސްތައްވެސް ވަނީ ބަންދުކޮށްފައެވެ.
މީގެ ކުރިންވެސް މިފަދަ ޗުއްޓީތަކާއި ދިމާކޮށް ދަތުރުކުރާ ފަރާތްތަކުގެ ޑިމާންޑަށް ބަލާފައި މޯލްޑިވިއަނުން އަންނަނީ އެތެރޭގެ އުދުހުންތަކުގައި ކުރަމުންގެންދާ ދަތުރުތައް އިތުރުކުރަމުންނެވެ.
ރިއެކްޝަންސް






