ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމާ މެދު ރައްޔިތުންގެ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު ތަސްދީޤުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވައި، އެކަން ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2026 އިން ވަނީ އިޢުލާން ކުރައްވާފައެވެ. މި ބިލުގައި ހިމެނޭ އިޞްލާޙުތަކަކީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން، ތަސްދީޤުކުރެއްވުމުގެ ކުރިން ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ވޯޓެއް ނެގުން ލާޒިމުކުރާ ކަންކަމެވެ.
ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން، މިފަދަ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވަންވާނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރިވި މީހުންގެ އަޣުލަބިއްޔަތު އެ އިޞްލާޙަށް ލިބިއްޖެ ނަމައެވެ. ވޯޓުގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ، ރަސްމީ ނަތީޖާ އިޢުލާންކުރާތާ 15 ދުވަހުގެ ތެރޭގައި ބިލު ތަސްދީޤުކުރަން ޖެހޭއިރު، އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ އެ ބިލެއް ބާޠިލުވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައިވާ ގޮތުން، ރައްޔިތުންނާ ކުރިމަތިލާނެ ސުވާލަކީ:
"ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ 'ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު' ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މިއެވެ.
މި ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހެވެ. މިއީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރުވެސް ތާވަލުކޮށްފައިވާ ދުވަހެވެ.
މި ޤަރާރު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާއެކު، ޤާނޫނުގައިވާ ގޮތުގެ މަތީން ވޯޓު ނެގުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި މިހާރު ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ.
ރިއެކްޝަންސް

