
ވޯޓު ނުދިނީ ޤާނޫނޫ އަސާސީއާ ޙިލާފް ބިލަކަށް ވާތީ - މެމްބަރު އަޒާން
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކޯޓުތަކާބެހޭ ޤާނޫނަށް ހުށަހެޅި އިސްލާޙް ފާސްކުރަން ވޯޓްނުދިނީ އެބިލަކީ ޤާނޫނު އަސާސީ އާ ޚިލާފް ބިލަކަށް ވާތީ ކަމަށް ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ މަޖްލިސް މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ. މިއަދު މަޖިލީހުން ފާސްކުރި އިސްލާހަކީ ސްޕްރީމް ކޯޓުގެ ބެންޗުގެ އަދަދު 7 ން 5 އަށް ކުޑަކުރުމަށް ނިންނި ނިންމުމެކެވެ.
ވެރިކަންކުރާ ޕީއެންސީން އެބިލް ފާސްކުރުމަށް ތްރީލައިން ވިޕެއް ނެރެފައިވަނިކޮށް މެމްބަރު އަޒާން އެކަމާ ދެކޮޅު ހަދައި ވޯޓްލީ ވަގުތު ވަނީ މަޖިލީހުގެ ތަޅުމުންވެސް ނިކުންނަވާފައެވެ.
ވޯޓް ނުލެއްވި ސަބަބު މެމްބަރު އަޒާން ހާމަކުރެއްވީ ވޯޓަށްފަހު ނެރުއްވި ބަޔާނެއްގައެވެ. ބަޔާނުގައި ރައްޔިތުންނާންއި ޤައުމީ މަޞްލަހަތަށްވުރެ އިސްކުރަންޖެހޭ އެހެން މަޞްލަހަތެއް ނޯންނާނެކަމަށް އަޒާންވަނީ ވިދާޅުވެފައެވެ. އަދި އެގޮތަށް ނިންމުގައި އޭނާ ތަމްސީލްކުރައްވާ ރައްޔިތުންނާއި ޤާނޫނީ ބޭފުޅުންނާ މަޝްވަރާ ކުރައްވާ ނިންމެވި ނިންމެވުމެއް ކަމަށްވެސް އަޒާންވަނީ ވިދާޅުވެފައެވެ.
"އަދި މި ބިލަކީ ދިވެހިޜާއްޖޭގެ ޤާނޫނޫ އަސާސީ އާ ޚިލާފް ބިލަކަށްވާތީ, އެފަދަ ބިލަކަށް ތާއީދުކުރުމަކީ ޤާނޫނޫ އަސާސީގެ 75 ވަނަ މާއްދާއާ ޚިލާފް ކަމެއްކަމުގައި ދެކޭތީ" ވޯޓް ނުދެއްވި ސަބަބު ތަފްޞީލްކޮށްދެއްވައި ނެރުނު ބަޔާނުގައި އަޒާން ލިއުއްވާފައިވެއެވެ.
އަޒާން އިތުރަށް ވިދާޅުވީ ފަނޑިޔާރުންނާ ގުޅޭ ކަންކަމުގައި އަމަލުކުރާނެ ސުލޫކީ މިންގަނޑު ޖޭއެސްސީން ބެލެން އޮވެ, އަދި އެފަދަ މައްސަލަ އެއް ސާބިތުވެއްޖެ ނަމަ މަޖިލީހުން ފަނޑިޔާރުން ވަކިކުރެވޭނެ ޤާނޫނީ ބާރު އޮވެމެ, ޤާނޫނޫ އަސާސީ އާ ޚިލާފަށް މަޖިލީހުން މިފަދަ ނިންމެވުމެއް ނިންވުމަކީ ޤަބޫލުކުރާ ހަމައެއްނޫންކަމުގައެވެ. އަދި އެ ކޯޓުގައި ދުސްތޫރީ މައްސަލައެއް ހިނގަމުންދާ ދަނޑިވަޅެއްގައި ކޯޓުތަކުގެ ޤާނޫނަށް ބަދަލުގެނެސް ސްޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމަކީ އެންމެ ރަނގަޅުގޮތް ނޫންކަމުގައެވެ.
ރިއެކްޝަންސް






