އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިނުދީ، ދެން ވޯޓު ހޯދަން ރައްޔިތުންގެ ގާތަކަށް ނުދާނަން: މުޝްރިފް
އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިނުދީ، އިތުރު އިންތިހާބަކަށް އައްޑޫ ރައްޔިތުންގެ ގާތަށް ވޯޓު ހޯދުމަށް ވަޑައިނުގަންނަވާނެ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މުޝްރިފް އަލީ ވިދާޅުވެއްޖެއެވެ.
މުޝްރިފް މިހެން ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލްގެ ބާރުތައް މިހާރުވެސް އިދިކޮޅު އެމްޑީޕީގެ އަތުގައި އޮތް ނަމަވެސް، ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގައި ކައުންސިލް ފެއިލްވެފައިވާތީ އެކަމަށް ފާޑުވިދާޅުވަމުންނެވެ. މުޝްރިޕް ވިދާޅުވީ، ކުރިއަތް އޮތް ލޯކަލް ކައުންސިލް އިންތިޙާބުގައި އިންތިޙަބުވެއްޖެ ނަމަ، އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ނުދީއެއް، އިތުރު އިންތިހާބަކަށް އައްޑޫެ ރައްޔިތުންގެ ގާތަށް ވޯޓެއް ހޯދުމަށް ނުދާނެކަމަށެވެ.
މުޝްރިފް ފާހަގަކުރެއްވި ގޮތުގައި، އައްޑޫ ރައްޔިތުންނަށް ހެޔޮއެދޭ ކަމަށް ބުނެ އެމްޑީޕީން ގިނަ ވައުދުތަކެއް ވީ ނަމަވެސް، ވޭތުވެދިޔަ އަހަރުތަކުގައި ކައުންސިލުން އެދެވޭ މަސައްކަތްތަކެއް ކޮށްފައެއް ނުވާކަމަށެވެ. އައްޑޫ ސިޓީ ކައުންސިލްގައި މިހާރުވެސް އިދިކޮޅު އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް އޮތްކަން ފާހަގަކުރައްވައި، މުޝްރިފް ވަނީ އެމްޑީޕީގެ މޭޔަރާއި ކައުންސިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އައްޑޫގެ ކަރަންޓުގެ މައްސަލައަކީ ނިމުމެއް ނެތް، އަދި މިހާތަނަށް އެއްވެސް ފުރިހަމަ ހައްލެއް ލިބިފައި ނުވާ ކަމެއް ކަމަށެވެ. މީގެ އިތުރުން، މިހާރުވެސް ދޭތެރެ ދޭތެރެއިން މުޅި އައްޑޫ ސިޓީން ކަރަންޓު ކެނޑެމުންދާތީ ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް މުޝްރިފް އަލިއަޅުވާލެއްވިއެވެ.
"ކަރަންޓަކީ އަސާސީ ހައްގެއް. މި ހައްގު އައްޑޫ ސިޓީގެ ރައްޔިތުންނަށް ހޯދައިދިނުމަކީ މޭޔަރުގެ މައްޗަށް ލާޒިމްކަމެއް. އާރާއި ބާރު އޮވެގެންވެސް މިކަމަށް ދާއިމީ ހައްލެއް ނުހޯދުނީ ކީއްވެގެންތޯ މިއަދު އައްޑޫގެ ކޮންމެ ރައްޔިތަކުވެސް ސުވާލުއުފައްދަން ޖެހޭ،" މުޝްރިފް ވިދާޅުވިއެވެ.
އައްޑޫގެ ކަރަންޓުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުޝްރިފް ވިދާޅުވީ، ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުން އުފުލަންޖެހޭ ތަކުލީފު އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އައްޑޫ ސިޓީއަށް މިހާރު 13 މެގަވޮޓްގެ ކަރަންޓު ބޭނުންވާއިރު، އިންޖީނުގެއަށް އެވަރަށް ކަރަންޓު އުފެއްދުމުގެ ގާބިލުކަން ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ބޭނުންކުރަމުންދާ އިންޖީނުތަކުގެ ހާލަތު ދަށްވެ، މަސައްކަތްކުރަނީ އެންމެ 30 ނުވަތަ 40 އިންސައްތަ އެފިޝިއަންސީގައި ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، އައްޑޫގެ ކަރަންޓު ކޭބަލްތަކުގެ ހާލަތު ދަށްވުމުގެ ސަބަބުން ވޯލްޓެޖް ހަމަނުވުމާއި ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާކަން މުޝްރިފް ފާހަގަކުރެއްވިއެވެ. އަދި މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ކޭބަލްތަކަށް ގެއްލުންވުމާއި، ޓްރާންސްފޯމަރުތައް ބޭނުންނުކުރެވޭ ވަރަށް ބާވެފައިވުމަކީވެސް މިކަމުގެ ސަބަބުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މުޝްރިފް ވިދާޅުވީ، އައްޑޫގެ މިފަދަ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދޭނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއެކު މަސައްކަތްކުރާނެ، ސަރުކާރަށް އެއްބާރުލުންދޭނެ ކައުންސިލެއް އޮވެގެން ކަމަށެވެ. އެހެންކަމުން، މި ބަދަލު ގެނައުމަށްޓަކައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އޭނާ ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ރިއެކްޝަންސް



