ބާރުގެ ބޭނުން ހިފަންވާނީ ޒިންމާދާރުކަމާއެކު، ބާރެއް އޮތުމަކީ އެ ބޭނުންކުރަންޖެހޭ ސަބަބެއް ނޫން: ރައީސް

ބާރުގެ ބޭނުން ހިފަންވާނީ ޒިންމާދާރުކަމާއެކު، ބާރެއް އޮތުމަކީ އެ ބޭނުންކުރަންޖެހޭ ސަބަބެއް ނޫން: ރައީސް

2 hours ago - 18:29
Advertisement
Advertisement

ބާރެއް އޮތުމަކީ އެ ބާރެއް ބޭނުންކުރަންޖެހޭ ސަބަބެއް ނޫން ކަމަށާއި ބާރެއް އޮތުމުން އެ ބާރެއް ބޭނުންކުރަން ވާނީ ޒިންމާދާރު ކަމާއެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤާނޫނުގައި ފިޔަވަޅު އެޅޭ ބާރު އޮތް ނަމަވެސް ކައުންސިލްތަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެންމެންގެ މެދުގައި ވާހަކަދެކެވިގެން ސިޔާސީ ވިސްނުން ނުވައްދައި މަސައްކަތް ކުރާ ކަމަށްވަނީ ނަމަ ރައްޔިތުންނަށް އެއްވެސް ދައްޗެއް ނުވާނެ ކަމަށެވެ. އެހެންނަމަވެސް ގިނަ ފަހަރަށް ވާގޮތަކީ ސިޔާސީ ވިސްނުން އިސްކުރެވިގެން، ރައްޔިތުންނަށް އަންނަންހުރި ކުރިއެރުންތަކަށް ހުރަސްތައް ކުރިމަތިވަނީ ކަމަށާއި އެއީ ރައްޔިތުންނަށް ތަހައްމަލު ކުރެވޭނެ ކަމެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އެމަނިކުފާނު ރައްޔިތުންނަށް ވަޢުދުތައް ވެވަޑައިގެންފައިވަނީ އެކަންކަން ކޮށްދިނުމުގެ ނިޔަތުގައިކަން ފާހަގަކުރެއްވިއެވެ. އަދި އެކަންކަން ކުރެވޭނީ ލޯކަލް ކައުންސިލްތަކުގެ އެހީތެރިކަމާއިއެކުގައި ކަމަށާއި އެމަނިކުފާނު ބޭނުންފުޅުވަނީ ލާމަރުކަޒީ އުސޫލުގެ ތެރެއިން ކަންކަން ކުރައްވަން ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކައުންސިލްތައް އޮތީ ވެރިކަންކުރާ ބާރުގެ ތެރޭގައި ސަރުކާރަށް އެހީތެރިކަން ދިނުމަށްޓަކައިކަމުގައި ވިދާޅުވިއެވެ. ގާނޫނުގައި އެކަން އަދިވެސް އޮތީ އެގޮތަށް ކަމަށާއި ލާމަރުކަޒީ ގާނޫނުގައި އޮންނަނީ ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫޢުތަކަށް، ސަރުކާރުން ތަންފީޒުކުރަން ބޭނުންވާ ސިޔާސަތުތަކަށް ފުރިހަމައަށް އެއްބާރުލުން ދޭންޖެހޭނެކަމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މުޅި ރާއްޖޭގެ ރައްޔިތުންގެ މެޖޯރިޓީން ރައީސުލްޖުމްހޫރިއްޔާއަކު ހޮވާފައި، ސަރުކާރެއް ހިންގަން ޙަވާލުކުރަނީ ޤާނޫނު އަސާސީގައިވާ ހަމަތަކުގެ މަތީން ކަމަށާއި ޙަވާލުކުރީމާ ވެރިކަންކުރާ ބާރުގެ ތެރޭގައި ހިމެނޭ ބަޔަކުވިއްޔާ އެ ރައީސުލްޖުމްހޫރިއްޔާ އަކަށް އެއްބާރުލުން ދެއްވަން ޖެހޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، ދަތުރުފުޅެއް ކުރައްވަން ޖެހިވަޑައިގަތުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ އެ ނޫންވެސް ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު، ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް، އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވާނޭކަމަށް ވިދާޅުވެފައެވެ. މިއީ، މިގޮތުން ބޭއްވެވި ދެވަނަ ބައްދަލުކުރެއްވުމެވެ.

Advertisement
Advertisement

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement