
ކުންފުނީގެ މަސްލަހަތު ރައްކާތެރިކުރުމުގެ ގޮތުން ފަޒީލް ވަކިކުރަން ނިންމައިފި
ކުންފުނީގެ މަސްލަހަތު ރައްކާތެރިކުރުމުގެ ގޮތުން ފެންކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފަޒީލް ރަޝީދު ވަކިކުރަން ނިންމައިފިއެވެ. ފަޒީލް މަގާމުން ވަކިކުރަނީ މާދަމާއިން ފެށިގެންނެވެ. އެމް.ޑަބްލިޔު.އެސް.ސީގެ ބޯޑުގެ މިނިންމުން އިއުލާނުކުރީ މިއަދު އެކުންފުނީގެ ސޯޝަލް މީޑިޔާ މެދުވެރިކޮށެވެ.
ހުޅުމާލެއިން ގޯތި ދޫކުރިއިރު ނާޖާއިޒު ގޮތުގައި އެތަނުން ގޯތި ހޯދި މައްސަލައެއްގެ ތަހުގީގު ފަށާ, ފަޒީލް ސަސްޕެންޑް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އެމައްސަލާގައި ފަޒީލްގެ ކޮއްކޮ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދުވެސް ސަސްޕެންޑް ކުރިއެވެ. އެކަމަކު ސަސްޕެންޑް ކުރުމުން އޭނާ ވަނީ އެމަގާމުން އިސްތިއުފާ ދެއްވާފައެވެ.
ފަޒީލް ވަކިކުރަން ނިންމި ނިންމެވުމާ ގުޅޭގޮތުން ފެންކުންފުނިން ވިދާޅުވީ މިއީ ކުންފުނީގެ މަސްލަހަތުތައް ރައްކާތެރިކުރުމުގެ ގޮތުން ޑިރެކްޓަރުންގެ ބޯޑުން އެޅުއްވި ފިޔަވަޅެއް ކަމަށެވެ.
"މުޙައްމަދު ފަޒީލުގެ މައްޗަށް ކުރިއަށް ގެންދެވޭ ތަހުގީގާއެކު އިސްމަޤާމެއްގައި މުސާރަޔާއެކު ދިގު މުއްދަތަކަށް ބެހެއްޓުމަކީ ކުންފުނީގެ މަސްލަހަތު ހިމެނޭ ކަމެއްނޫން ކަމުގައި ބޯޑުން ދެކެވަޑައިގަންނަވައެވެ." ކުންފުނިން ހިއްސާކުރި ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ. ހަތް މަހަށްވުރެ ގިނަ ދުވަހު ފަޒީލް ސަސްޕެންޝަންގައި ހުރީ މުސާރަ ހިނގާ ގޮތަށެވެ.
ރިއެކްޝަންސް






