
މުޝްފިޤުގެ ކަށުނަމާދު ޣައިބަށް ކުރުން ފަސްކޮށް, އިސްލާމީ މަރުކަޒުގައިވެސް ކުރަން ނިންމައިފި
ލ.އަތޮޅުން މާލެ ދަތުރުކުރަނިކޮށް ބޯޓްގައި އަލިފާން ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުނު ލ.މާވަށު މުޝްފިޤު މުޙައްމަދު ޝަރީފްގެ ކަށުނަމާދު ޣައިބަށް ކުރުން ފަސްކޮށް, އިސްލާމީ މަރުކަޒުގައިވެސް ޣައިބަށް ކަށުނަމާދު ކުރަން ނިންމައިފި އެވެ.
މިފަދަ ނިންމެވުމެއް ނިންމަވާފައި މިވަނީ އާއިލާއިން އެދިގެން މިއަދު މުޝްފިގުގެ ކަށުނަމާދު މާވަށުގައި ޣައިބަށް ކުރަން ނިންމާފައި ވަނިކޮށެވެ. ނިންމުން ބަދަލުކުރީ އެއީ އެކަން ކުރަން އެންމެ ރަނގަޅު ގޮތް ނޫންކަން ބަޔާންކޮށްދެއްވާ އިސްލާމިކް މިނިސްޓަރ މުޝްފިޤުގެ އާއިލާއާވެސް ވާހަކަ ދެއްކެވުމަށްފަހުއެވެ. އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު އިއްޔެ ވިދާޅުވީ ގެއްލޭ މީހުންގެ ކަށުނަމާދު ޣައިބަށް ކުރެވޭނީ ކޯޓް މެދުވެރިކޮށް މަރުސާބިތު ކުރުމަށްފަހު ކަމަށެވެ. އެއީ ޝަރުޢީ ގޮތުން ގިނަ ކަންތައްތަކަކަށް އަސަރުކުރާނެ ކަމަކަށް ވާތީ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިއަދު ވަޒީރު ވިދާޅުވީ މުޝްފިޤުގެ އާއިލާއިން އެދިގެން މިއަދު ޣައިބަށް ކަށުނަމާދު ކުރަން ނިންމާފައިވާތީ އާއިލާއާ އެމަނިކުފާނު ވާހަކަދެއްކެވި ކަމަށެވެ.
ހާދިސާއާ ގުޅިގެން އިސްލާމީ ޝަރީޢަތުގައި އޮތް ގޮތައް އަމަލުކޮށް، ކޯޓް މެދުވެރިކޮށް މަރު ސާބިތު ކުރުމަށް ފަހު، ކަށު ނަމާދުގެ ކަންކަން އަންނަ ހުކުރަށް އިންތިޒާމު ކުރެވޭތޯ މަސައްކަތްކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
" އިންޝާ ﷲ މުޝްފިޤުގެ ކަށު ނަމާދު އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށް އިންތިޒާމު ކުރާނަން. މުޝްފިޤަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވާ ހެޔޮ ލަފާ ކުއްޖެކެވެ. އިމާމުވެ ނަމާދުކޮށް އުޅުނު ނަމޫނާ ޒުވާނެކެވެ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޒުވާން މުޝްފިޤަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވާ ހެޔޮ ލަފާ ކުއްޖެކެއް ކަމަށެވެ. އެއީ އިމާމުވެ ނަމާދުކޮށް އުޅުނު ނަމޫނާ ޒުވާނެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ޝަހީމް ވިދާޅުވީ މުޘްފިޤު ގެއްލުނު ހާދިސާއަކީ އެ ޢާއިލާގެ އިތުރުން އަޅުގަނޑުމެން އެންމެންނަށް ލިބުނު ހިތާމައެއް ކަމަށެވެ. ހޮޅުދޫ ބޯޓް މާލެ ދަތުރުކުރަނިކޮށް އަލިފާން ރޯވެ ބޯޓް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނީ މުޝްފިޤު އެކަންޏެވެ. ބޯޓުން ދަތުރުކުރި އެހެން މީހުން ސަލާމަތްކުރެވުނެވެ,
ރިއެކްޝަންސް






