
އަދަބާއި އުޅުންތެރިކަން ދަރީންނަށް ދަސްކޮށްދިނުމަކީ، ޤައުމުގެ ބިންގާ ހަރުދަނާކުރަން އެޅޭ ވަރަށް ބޮޑު ބާރެއް- ޚުޠުބާ
ޢިލްމުގެ އިތުރަށް، އަދަބާއި އުޅުންތެރިކަން ދަރީންނަށް ދަސްކޮށްދިނުމަކީ، ޤައުމުގެ ބިންގާ ހަރުދަނާކުރުމުގެ ގޮތުން އެޅޭ ވަރަށް ބޮޑު ބާރެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ މިހަފްތާގައި ފެށުނު ދިރާސީ އާއަހަރަށެވެ.
ޚުޠުބާގައި ބުނީ އިސްލާމްދީން ތައުލީމަށް ބާރުއަޅައި، ހިތްވަރުދެނީ، ދަރީން ތަރުބިޔަތުކުރުމަށް އެހެން ހުރިހައި ނިޒާމެއްގައި ކުރާ މަސައްކަތަށް ވުރެ މާ މަތިވެރި ދަރަޖައަކަށް ކަމަށެވެ. އިސްލާމް ދީނުގައި ރަނގަޅަށް ދަރީން ތަރުބިޔަތު ކުރުމަކީ، އެ ކަމުގައި ޤާއިމުވެ ތިބި ބަޔަކަށް މާތް الله ސަވާބާއި ދަރުމަ ދެއްވާނޭ ކަމެއްކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. މި ކަންކަމަށް އިސްލާމް ދީނުގައި މައިންބަފައިންނަށް ހިތްވަރުދޭކަން ކީރިތި ރަސޫލާގެ ހަދީޘް ތަކުން މިސާކލު ދައްކަވަމުން ފާހަގަކުރެއްވިއެވެ.
ތައުލީމް ދިނުމުގައި މަދަރުސާގެ ދައުރު ފާހަގަކުރައްވާ ޚުޠުބާގައި ބުނީ އެއީ ދަރީންގެ ދެވަނަ ހިޔާވަހި ކަމަށެވެ. ކުދީންގެ ހިތްތަކުގައި، އިސްލާމީ ޢަޤީދާ ހަރުދަނާކޮށް، އިސްލާމީ އުޞޫލުތައް ބިނާކުރާ ތަނަކީ މަދަރުސާ ކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
" މަދަރުސާއިން މި ދައުރު ފުރިހަމައަށް އަދާކޮށްފި ނަމަ، މުޅި އުންމަތުގެ މުސްތަޤްބަލު އުޖާލާވެ އަމާންވާނެއެވެ. ބާއްޖަވެރިކަމުގެ މަގުތައް އާރާސްތުވެ، ފާގަތިކަން ޢާންމުވާނެއެވެ. މި ބުރަ މަސައްކަތް ކާމިޔާބު ކުރެވޭނީ، މަދްރަސާއާއި، މުދައްރިސުންނާއި، ބެލެނިވެރީން ގުޅިގެންނެވެ. އެ ފަރާތްތަކުގެ ލަނޑުދަނޑިތަކާއި، އަމާޒުތަކާއި، ތަޞައްވުރުތައް އެކައްޗަކަށް ހަދައިގެންނެވެ."
ޚުޠުބާގައި ބުނީ އުންމަތުގެ ޒުވާނުންގެ ނާރުތަކުގައި، ޢިލްމާއި، މަޢުރިފާގެ ލޭ ދައުރުކުރާން ފެށުމުން، ޢިލްމުގެ ނޫރު ފެތުރި، ޖަހާލަތުގެ އަނދިރިކަން ފިލައިދާނެކަމާ މެދު ޝައްކެއް ނެތްކަމަށެވެ. އެހެންކަމުން ޢިލްމާއި ހުނަރާ އެއް ވަރަށް، އެ ކުދީންގެ އަޚްލާޤު ވެސް ރިވެތިކޮށް ބައްޓަންކޮށްދޭން ޚުޠުބާގައި ގޮވާލެއްވިއެވެ. އެއާއެކު އިސްލާމްދީނަށް ލޯބިކުރާ، އިސްލާމީ އުޞޫލުތަކުގައި ހިފަހައްޓާ، ދަރީންތަކަކަށް އެ ކުދީން ހެދުމަށް، މުދައްރިސުންނާއި، ބެލެނިވެރިން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ. އަދި އެ ކުދީންނަށް ނަމާދުކުރާން ދަސްކޮށްދީ، އެ ކަމަށް އާދަކުރުވަން ބާރުއެޅުވިއެވެ. ކީރިތި ޤުރްއާން ކިޔެވުމަށް ބާރުއެޅުމާއެކު, ދީނުގެ އަސާސީ ޙުކުމްތައް ދަސްކޮށްދޭން ގޮވާލެއްވިއެވެ.
ރިއެކްޝަންސް






