ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދޭން ޤާނޫނުން ލާޒިމް ކުރާ އަދަދު ކޮންޓިންޖެންސީ ބަޖެޓުން ހަމަޖައްސަނީ
ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދޭން ޤާނޫނުން ލާޒިމް ކުރާ އަދަދު ކޮންޓިންޖެންސީ ބަޖެޓުން ހަމަޖައްސަން ނިންމައިފިއެވެ. އެކަން ބަޔާންކޮށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ފޮނުއްވި ސިޓީއެއް މިއަދު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއަށް ވަނީ އިއްވާފައެވެ.
ކޮންޓިންޖެންސީ ބަޖެޓުން އެބައި ހަމަޖައްސަން ނިންމަވާފައި މިވަނީ 2025 ވަނަ އަހަރަށް ހުށަހެޅި ދައުލަތުގެ ބަޖެޓްގައި ކައުންސިލްތަކަށް ބްލޮކްގްރާންޓްގެ ދަށުން ދޭން ޤާނޫނުން ލާޒިމް ކުރާ އަދަދު ހިމަނާފައި ނުވާތީ ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. އެކަންބޮޑުވުންތަކާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ބަޖެޓް ފާސްވެގެން އަންނަ އިރު ޤާނޫނުގައި ކަނޑައަޅާފައިވާ އަދަދު ކައުންސިލްތަކަށް ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ފިނޭންސް މިނިސްޓަރ ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ 2025 ވަނަ އަހަރަށް ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކުރަން ކަނޑައަޅާފައިވާ އަދަދަކީ 1.4 މިލިއަން ރުފިޔާ ކަމަށެވެ.
" ހުށަހަޅާފައިވާ ބަޖެޓްގައި ބްލޮކް ގްރާންޓް ހިސާބުކުރުމުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި މިހާރު ކަނޑައަޅާފައިވާ މިންގަނޑުގައި ހިފަހައްޓަން ނިންމަވާ, މިބަދަލު ގެންނަން ބޭނުންވާނެ ކަމަށް ލަފާކުރާ 699.6 މިލިއަން ރުފިޔާ ބަޖެޓްގެ ޖުމްލަ އަދަދު އިތުރު ނުވާގޮތަށް ކޮންޓިންޖެންސީ ބަޖެޓުން ބަދަލުކުރާ ގޮތަށް ހަމަޖައްސަވައިދެއްވުމަށް އެދި ދަންނަވަމެވެ." މިނިސްޓަރު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވެއެވެ.
އެ ބަދަލު ގެނައުމުގައި ޤާނޫނު އަސާސީއާއި މާލިއްޔަތު ޤާނޫނާއި, މާލިއްޔަތު ޤަވާއިދާއި, ރައްޔިތުންގެ މަޖިލިހުގެ ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޖުމްލަ އަކީ 56.6 ބިލިއަން ރުފިޔާ އެވެ.
ރިއެކްޝަންސް