އޭސީސީއާއި އީސީގެ ރައީސްއާއި ނައިބުރައީސް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ގޮތަށް މަޖިލިހުން ފާސްކޮށްފި
އީސީގެ ނައިބުރައީސް ނަޝާތު އާއި މެމްބަރު އާސިފް ވަކިކުރަންވެސް ވަނީ ފާސްކޮށްފަ
އެންޓިކޮރަޕްޝަން ޤާނޫނަށް ހުށަހެޅި އިސްލާހާއި, އިލެކްޝަން ކޮމިޝަންގެ ޤާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރީ 69 މެމްބަރުންގެ ވޯޓުންނެވެ. މި ދެޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި މައިގަނޑު އިސްލާހަކީ އެދެކޮމިޝަންގެ ރައީސްއާއި ނައިބުރައީސް ރައްޔިތުންގެ މަޖިލިހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ގޮތަށް ބަދަލުކުރުމެވެ. މިހާރު އޮންނަނީ ކޮމިޝަންގެ މެމްބަރުންގެ ތެރެއިން ނަގާ ސިއްރު ވޯޓަކުން އެދެމަގާމަށް ބޭފުޅުން އިންތިޚާބުކުރާ ގޮތަށެވެ. އެދެކޮމިޝަނަށްވެސް މެމްބަރުން އައްޔަން ކުރައްވަނީ ރައްޔިތުންގެ މަޖިލިހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.
މިއިސްލާހު ގެނައި މައިގަނޑު ސަބަބެއްކަމަށް ކޮމިޓީ ރިޕޯރޓްގައި ބުނެފައިވަނި އެހެން މިނިވަން މުއައްސަސާތަކާ އެއް ހަމައަކުން އަމަލުކުރުމާއި, މިނިވަން މުއައްސަސާތަކުގެ ހިންގުން ހަރުދަނާ ކުރުމެވެ. އަލަށް ގެނައި އިސްލާހާއެކު ރައީސް ބިލް ތަސްދީޤު ކުރެއްވުމުން އިލެކްޝަން ކޮމިޝަނާއި, އެންޓިކޮރަޕްޝަން ކޮމިޝަންގެ ރައީސްއާއި ނައިބުރައީސް އިސްތިއުފާ ދެއްވާނަމަވެސް ހުށަހަޅުއްވަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.
މިއީ އިދިކޮޅު މެމްބަރުންނާއި, ޕާޓީތަކުން ކަންބޮޑުވުން ފާޅުކުރި އިސްލާހެކެވެ. އިދިކޮޅު މެމްބަރުން ގަބޫލުކުރައްވަނީ މިއީ ބާރުތައް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ލެއްވުމަށް ގެންނަ އިސްލާހެއް ކަމަށެވެ. ނަމަވެސް އެފަދަ ބާރެއް, ނުފޫޒެއް ނުފޯރުއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނި ދެއްވާފައެވެ. އަދި ޕީއެންސީގެ މެމްބަރުން ވިދާޅުވަނީ މިހާރުވެސް ކޮމިޝަނަށް އައްޔަން ކުރައްވާ މެމްބަރުންނަކީ މަޖިލިހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެމްބަރުން ކަމަށެވެ.
މިއިސްލާހުތައް ފާސްކުރުމުގެ އިތުރުން އިލެކްޝަން ކޮމިޝަންގެ މެމްބަރުންގެ ތެރެއިން ނައިބުރައީސް އަލީ ނަޝާތު އާއި މުޙައްމަދު އާސިފް ވަކިކުރަންވެސް މަޖިލިހުން ވަނީ ފާސްކޮށްފައެވެ. މިއަދު މަޖިލިހުގެ ތަޅުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފޮނުވި ރިޕޯރޓަށް ރިއާޔަތްކޮށް އެމެމްބަރުންގެ ތެރެއިން ނަޝާތު ވަކިކުރަން ފާސްކުރީ 69 މެމްބަރުންގެ ވޯޓުންނެވެ. އަދި އާސިފް ވަކިކުރަން ވޯޓްދެއްވީ 68 މެމްބަރުންނެވެ. މެމްބަރުކަމުން ވަކިކުރަން ފެންނަ ކަމަށް ކޮމިޓީން ނިންމެވިޔަސް ޑރ.މުހައްމަދު ޒާހިރު ވަކިކުރަން ތަޅުމުން ފާހެއް ނުވިއެވެ. ޒާހިރު ވަކިކުރަން ނުފެންނަ ކަމަށް 70 މެމްބަރުން ވޯޓް ދެއްވިއެވެ.
ރިއެކްޝަންސް