ރާޔާ އެއާވޭސްއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކާގޯ ދަތުރުތައް ފަށައިފި
ރާޔާ އެއާވޭސްއިން ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީ.އައި.އޭ) އަށް ކުރާ ކާގޯ ދަތުރުތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހާމަކުރި ގޮތުގައި، މެލޭޝިއާގެ ރާޔާ އެއާވޭސްއިން މި ދަތުރުތައް ކުރާނީ ޕެނޭންގްއާއި މާލެއާ ދެމެދުގައެވެ. ހަފުތާއަކު ދެ ދުވަހު ކުރާ މި ދަތުރުތަކުގައި ބޭނުންކުރަނީ ބޮއިންގ 767-200 މަރުކާގެ ކާގޯ ބޯޓުފަހަރެވެ. މި އެއާލައިންގެ ކޮންމެ ދަތުރެއްގައި އެވްރެޖުކޮށް 46 ޓަނުގެ މުދާ އުފުލޭނެއެވެ.
މިއީ މެލޭޝިއާއިން ރާއްޖެއަށް ތާވަލުކޮށްގެން ކުރާ ފުރަތަމަ ކާގޯ ދަތުރުތަކެވެ. މި ޚިދުމަތަކީ ދެކުނު އިރުމަތީ އޭޝިއާގެ މަޝްހޫރު ލޮޖިސްޓިކްސް ކުންފުނި "ޓެލެޕޯޓް" އިން ޗާޓަރު ކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މީގެ ސަބަބުން ރާއްޖެއާއި ދެކުނު އިރުމަތީ އޭޝިއާއާ ދެމެދު ސީދާ ވައިގެ މަގުން މުދާ އުފުލުމުގެ އައު ދޮރެއް ހުޅުވިގެންދާނެއެވެ.
އެމް.އޭ.ސީ.އެލް އިން ފާހަގަކުރި ގޮތުގައި، މި ދަތުރުތަކުގައި އުފުލާ ކާގޯގެ 80 އާއި 90 އިންސައްތައަކީ ޓްރާންސްޝިޕްމަންޓް ކާގޯއެވެ. މީގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ސަރަހައްދީ ކާގޯ ހަބެއްގެ ގޮތުގައި ތަރައްޤީވުމަށް ބޮޑު ބާރަކަށް ވާނެއެވެ. އަދި ދުނިޔޭގެ މުހިންމު ބާޒާރުތަކަށް ރާއްޖެއިން މުދާ ފޮނުވުމާއި އެތެރެކުރުމަށް އިތުރު ފަސޭހަތަކެއް ލިބޭނެއެވެ.
ރާޔާ އެއާވޭސްއަކީ ވީ.އައި.އޭ އަށް ދަތުރުކުރާ ދެވަނަ ތާވަލު ކާގޯ އެއާލައިނެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖެނުއަރީން ޖުލައި މަހުގެ ނިޔަލަށް 390 ކާގޯ ދަތުރު މެދުވެރިކޮށް 3,228 ޓަނުގެ މުދާ ވަނީ އެއާޕޯޓުން ހެންޑްލްކޮށްފައެވެ. މިހާރު ވެސް ރާއްޖެއިން ވަނީ ބެންގަލޫރު، ކޮލަމްބޯ، ބެންކޮކް، ދުބައި އަދި ހަނޯއީ ފަދަ މުހިންމު މަންޒިލުތަކާ ކާގޯގެ މަގުން ގުޅާލެވިފައެވެ.
ރިއެކްޝަންސް





