
މަސްތުވާތަކެއްޗާ އެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައި ވަނީ ލ. ގަން - ތުނޑި. ފައިވްސްޓަރ، އުމުރުން 29 އަހަރުގެ ޢަލީ ޝާމް އާއި, ހއ. ހޯރަފުށި - މީރަންގެ، އުމުރުން 20 އަހަރުގެ ޢަލީ އަޢުފާންއެވެ. އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މާލޭ މަގުމަތިން ސައިކަލެއްގައި ދަނިކޮށް ހުއްޓުވައި ބަލައިފާސްކޮށްގެންކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ ރޭގެވަގުތެއްގައި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ އެމީހުން ދުއްވި ސައިކަލާއި، އެމީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 17.06 ގުރާމް ހުރި ފިލްމު ހުސްކުރި ދަޅަކާއި، ބަނގުރާކަމަށް ބެލެވޭ 500 އެމްއެލްގެ 18 ފުޅިއާއި 5 ލީޓަރުގެ ފުޅިއެއްގެ އިތުރުން ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް ވަނީ ހަތް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. އަދި މި މައްސަލަ ޑްރަގް އެންފޯސްމަންޓުން އިތުރަށް ތަހްގީގުކުރަމުންދާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ރިއެކްޝަންސް






