ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ ރައީސް އަޅުއްވައިދެއްވައިފި

ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ ރައީސް އަޅުއްވައިދެއްވައިފި

1 hour ago - 22:00
Advertisement
Advertisement

ދިވެހިރާއްޖޭގައި މިހާތަނަށް ބިނާކުރެވޭ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ޖާމިއުއްސުލްތާން މުހައްމަދު ބުން އަބްދުﷲ" މިސްކިތުގެ ބިންގާ މިއަދު ރަސްމީކޮށް އަޅައިފިއެވެ.


ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މި މިސްކިތުގެ ބިންގާ އަޅާފައިވަނީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ އުފާވެރި ތާރީހީ މުނާސަބަތާ ގުޅުވައިގެންނެވެ.


މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް-ގަހްތާނީ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން މި މަޝްރޫއު ފައިނޭންސްކޮށް، އިމާރާތްކުރުމަށް ހަވާލުކޮށްފައިވާ ސައުދީގެ މަޝްހޫރު އަލްރާޖިހީ ކުންފުނީގެ ސީއީއޯ ބަންދަރު އަބްދުﷲ އަލްރާޖިހީވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި މަޝްރޫއަށް ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓަރު ޝަހީމް އަދި އަލްރާޖިހީ ކުންފުނީގެ ސީއީއޯ ސޮއިކުރެއްވީ އިއްޔެގެ ވަގުތެއްގައެވެ.

އެގޮތުން އިމާމުންނާއި އިދާރީ މަސައްކަތްތަކަށް ހާއްސަ އޮފީސްތަކުގެ އިތުރުން، އިސްލާމީ ކުތުބުހާނާއަކާއި، ކަލްޗަރަލް ސެންޓަރެއް އަދި ކީރިތި ގުރުއާނާ ގުޅޭ ތާރީހީ މައުލޫމާތުތައް ދައްކުވައިދޭ ގުރުއާން ދާރުލްއާސާރެއް (މިއުޒިއަމް) މި ބިނާގައި ހިމެނޭނެއެވެ. މީގެއިތުރުން އިސްލާމީ އަދި ތާރީހީ މައުރަޒުތައް ބޭއްވުމަށް ހާއްސަ އެގްޒިބިޝަން ހޯލަކާއި، މަލްޓިޕާޕަސް ކޮމިއުނިޓީ ހޯލެއްގެ އިތުރުން ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ ވިޒިޓާ އޭރިއާއަކާއި، އިސްލާމީ ފޮތް ފިހާރައެއް އަދި ގިފްޓް ޝޮޕެއްވެސް މި މަރުކަޒުގައި ހުންނާނެއެވެ.


އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ބިނާއަކީ ރާއްޖޭގެ އިސްލާމީ ހަޟާރަތުގެ މުއްސަނދި ތާރީހާއި ފަރުމާވެރިކަން ރަމްޒުކޮށްދޭނެ، އީމާންކަމާއި އިލްމާއި ވަހުދަތު އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދޭނެ އަގުހުރި ތަރިކައަކަށް ވެގެންދާނެ ކަމަށެވެ. އަދި ވަޒީރު ޑރ. ޝަހީމް ވަނީ މި މިސްކިތް ވެގެންދާނީ ރާއްޖޭގެ އިސްލާމީ ތާރީހުގައި ފާހަގަކޮށްލެވޭ މުހިންމު ބިނާއަކަށް ކަމަށް ވިދާޅުވެފައެވެ.


މި މަރުކަޒަކީ ހުޅުމާލޭގެ ރައްޔިތުންނަށާއި މުޅި ރާއްޖެއަށް، އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިސްލާމީ ތަރުބިއްޔަތާއި ސަގާފަތް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާނެ ތަނެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement