
އާސައިންދައިން ބޭސްހޯދުމުގައި ރައްޔިތުންނަށް ތަކުލީފު ކުރިމަތިނުވާނެކަން ކަށަވަރުކުރުމަށް ރައީސް އަންގަވައިފި
އާސަންދައިން ބޭސް ހޯދުމުގައި ރައްޔިތުންނަށް ދައްޗެއް, އަދި މާލީ ތަކުލީފެއް ކުރިމަތި ނުވާނެކަން ކަށަވަރުކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަންގަވައިފިއެވެ. މީގެ އިތުރުން ރައީސް ވަނީ އާސަންދައިން ބޭހަށްކުރާ ޚަރަދު ކުޑަކުރުމަށް ނިޒާމަށް ގެންނަންޖެހޭ ބަދަލުތައްވެސް ކަނޑައަޅުއްވާފައެވެ.
ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލް ޖުމްހޫރިއްޔާ މިގޮތަށް ކަނޑައެޅުއްވީ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒިރުންގެ މަޖިލީހުގައިކުރެއްވި މަޝްވަރާތަކުގެ އަލީގައެވެ.
އެގޮތުން ރައީސުލް ޖުމްހޫރިއްޔާ ކަނޑައެޅުއްވި ކަންކަމުގެ ތެރޭގައި ހިމެނެނީ;
1. ރާއްޖޭގައި ޑޮކްޓަރުން ލިޔެދޭ ހުރިހާ ބޭހަކީ އާސަންދައިގައި ރަޖިސްޓްރީކޮށްފައިވާ ބޭސްކަން ކަށަވަރުކުރެވޭނެ ނިޒާމެއް ޤާއިމްކުރުން.
2. ޓްރީޓްމަންޓް ގައިޑްލައިންތައް އެކުލަވާލުން.
3. ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ލިބެންހުންނަ ބޭސްތައް ޑޭޝްބޯޑަކުން ޑޮކްޓަރުންނަށް ފެންނާނެ އިންތިޒާމް ހަމަޖެއްސުން, އަދި އެ ބަދަލަށް ޑޮކްޓަރުން އަހުލުވެރި ކުރިވުން.
4. އެޕްރޫވްޑް ލިސްޓްގައި ހިމެނޭ ހުރިހާ ބޭހެއް އެސްޓީއޯގެ ފާމަސީތަކުން ހުސްނުވެ ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
5. އާސަންދަ އެމްޕެނަލްކޮށްފައިވާ ރާއްޖޭން ބޭރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރުމަށް ބޭނުންވާ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އުސޫލުތަކުގެ ތެރެއިން އެސްޓީއޯއަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
6. މާލޭގައި ޤާއިމްކުރުމަށް ނިންމާފައިވާ 4ޖީޕީ ކްލިނިކްތަކުން އެސްޓީއޯ ގެ ފާމަސީތައް މެދުވެރިކޮށް މެދުނުކެނޑި ބޭސްލިބޭނެ އިންތިޒާމް ހަމަޖެއްސުން.
7. އިންޕޭޝަންޓުންނަށް ހޮސްޕިޓަލްތަކުން (އެސްޓީއޯ މެދުވެރިކޮށް) ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
8. ޕޭޝަންޓަށް ބޭހުގެ އެވެއިލަބިލިޓީ އަދި ހުރިތަން އެނގޭނެ ގޮތް ފަހިކުރުން.
މީގެ އިތުރުން މި ނިޒާމް ހުރިހާ ރީޖަނަލް ހޮސްޕިޓަލް ތަކާއި އަތޮޅު ހޮސްޕިޓަލްތަކުގައި ޤާއިމްކުރުމާއި, ރަށްރަށުން ލިބެން ނުހުންނަ ބޭސް ބަލިމީހާ އެދުމުން އެސްޓީއޯ މެދުވެރިކޮށް އެމީހާއަށް އެބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނެއެވެ. އަދި ބޭސް ނުލިބުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން އެސްޓީއޯއިން ސީދާ ބޭސް އުފައްދާ ފަރާތްތަކުން ބޭސް ގެނެވޭނެ އިންތިޒާމް ހަމަޖެއްސުންވެސް ހިމެނެއެވެ.
ރާއްޖެއިން ބޭރުން ބޭސް އެތެރެކުރުމުގައި ކުރެވޭ މަސައްކަތުގައި މިހާރަށްވުރެ ބޮޑަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ދައުރު ފުޅާކުރުންވެސް ރައީސް ގެންނެވި ބަދަކުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި މިކަންކަން ތަންފީޒުކުރެވުމުން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވިދާޅުވި ފަދައިން އާސަންދައިން ބޭސް ހޯދުމުގައި ރައްޔިތުންނަށް ދައްޗެއް އަދި މާލީ ތަކުލީފެއް ކުރިމަތިނުވާނެކަން ކަށަވަރުކުރެވިގެންދާނެއެވެ.
ރިއެކްޝަންސް






