ސިޔާސީ ބަދަލުހިފުމުގެ ސަޤާފަތް ނިމުމަކަށް ގެނައުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް: ރައީސް
ދިވެހިރާއްޖޭގައި އޮތް ސިޔާސީ ގޮތުން ބަދަލުހިފުމާއި، ވާދަވެރިން ޖަލަށްލައި އަނިޔާވެރިވުމުގެ ސަޤާފަތް ނިމުމަކަށް ގެނެސް، ސިޔާސީ ހަމަޖެހުން ޤާއިމުކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއަށް ސިޔާސީ ހަމަޖެހުން ގެނައުމަކީ އެމަނިކުފާނުގެ މުހިއްމު ވަޢުދުފުޅެއް ކަމަށާއި، މިއަދު އެކަން ޙާޞިލުކުރެވިފައިވާ ކަމަށެވެ. އަދި މިހާރު ރާއްޖޭގައި ސިޔާސީ ހަރަކާތްތައް ހިންގުމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވާތީ، ސިޔާސީ މީހަކަށް ވީތީ އެއްވެސް ބިރެއް އޮންނަން ނުޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފާއިތުވި ދެ އަހަރާ ބައިގެ ތެރޭގައި އެއްވެސް ސިޔާސީ ވެރިއަކަށް ބަދަލުހިފުމުގެ ގޮތުން އަނިޔާވެރިވެފައި ނުވާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ: "އަޅުގަނޑު ވަޢުދުވީ އެކަން ނިންމަން. އިރާދަކުރެއްވޭތީ ރާއްޖޭގައި ނޯންނާނެ ސިޔާސީ ގޮތުން ޖަލަށްލާފައި ހުރި މީހެއް މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި. އެއީ އަޅުގަނޑުގެ އެޗީވްމަންޓެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ."
ކުރީގެ ސަރުކާރުތަކުގައި ކުރީގެ ރައީސުން ޖަލަށްލުމަކީ "ހޮބީ" އެއްގެ ގޮތުގައި އޮތް ކަމެއް ނަމަވެސް، މި ސަރުކާރުން އެފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. މީގެ އިތުރުން، ޤާނޫނީ އިމުގެ ބޭރުން ވެރިކަން ބަދަލުކުރަން އުޅުމާއި ޤައުމުގެ ހަމަޖެހުން ނަގާލުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށާއި، ސަރުކާރާ ދެކޮޅުވެރިކަން ދެއްކުމަށް ޑިމޮކްރެޓިކް ނިޒާމު ފުނޑާލުމުގެ ބަދަލުގައި ހުރިހާ ފަރާތްތަކުން ޒިންމާދާރުވާން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ރާއްޖޭގައި އެއްވެސް މީހަކަށް ތަފާތުކުރުމެއް ނެތްކަން ކަށަވަރު ކުރައްވާފައިވާއިރު، މިވަގުތު ޤައުމުގައި ޒިންމާދާރު އިދިކޮޅު ޕާޓީއެއް ނުވަތަ ވެރިންނެއް ނެތުމަކީ ކަންބޮޑުވުމެއް ކަމަށެވެ. ޒިންމާދާރު އިދިކޮޅު ފަރާތްތަކަކީ ސަރުކާރު ޒިންމާދާރުކުރުވުމާއެކު، ރައްޔިތުންނަށް ފައިދާހުރި ކަންކަމުގައި ސަރުކާރަށް އެއްބާރުލުންދޭ ބަޔަކަށް ވާންޖެހޭނެ ކަމަށްވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރިއެކްޝަންސް





