މެންބަރު އިއްބެގެ ޢުމްރާ ވަޢުދު: 8 ނަސީބުވެރި ފަރާތަކަށް ޢުމްރާ ދަތުރު ދެއްވައިފި
ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތަކުގެ ތެރެއިން، އެ ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން (އިއްބެ) ގެ އަމިއްލަ ޚަރަދުގައި ދެއްވާ އުމްރާ ދަތުރުގެ ނަސީބުވެރި 8 ފަރާތެއް މިއަދު ހޮވައިފިއެވެ.
މި އުމްރާ ދަތުރުތައް ހަވާލުކުރުމަށް އެކަމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު ފުވައްމުލަކު ސްކޫލް ހޯލްގައެވެ. މިއީ ދާއިރާގެ ރައްޔިތުންގެ ތެރެއިން ކޮންމެ އަހަރަކު 4 ބޭފުޅަކު މެންބަރުގެ އަމިއްލަ ޚަރަދުގައި އުމްރާއަށް ފޮނުއްވުމަށް ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން ބޭއްވުނު ގުރުއަތުލުމެކެވެ. މިއަދުގެ މި ހަފްލާގައި ވަނީ 2024 އަދި 2025 ވަނަ އަހަރު އުމްރާއަށް ވަޑައިގަންނަވާނެ ޖުމްލަ 8 ބޭފުޅުން ހޮވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެންބަރު އިބްރާހީމް ޙުސައިން ވިދާޅުވީ، މިއީ ދާއިރާގެ ރައްޔިތުންނަށް ދީނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ފެށުނު މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ގުރުއަތުލުމުގެ ހުރިހާ މަރުޙަލާއެއް ކުރިއަށް ގެންގޮސްފައިވަނީ ހާޒިރުވެތިބި ރައްޔިތުންގެ ކުރިމަތީގައި، ވަރަށް ދެފުށް ފެންނަ އަދި އިންޞާފުވެރި ނިޒާމެއްގެ ތެރެއިންކަން ކަމަށް މެންބަރު އިއްބެ ފާހަގަކުރެއްވިއެވެ.
ގުރުއަތުން ހޮވުނު ނަސީބުވެރި ބޭފުޅުންނަކީ:
ފުނާޑު އަވަށުން:
ނަފީސާ މޫސާ / ސިއާނާ
އާމިނަތު ސާޔާ އިބްރާހިމް / އެކުމީ
ނާސިހާ އަޙްމަދު / ޑްރީމް
ޢާއިޝަތު އަނާޝާ ޙުސައިން / ނޫރީފެހި
ދޫނޑިގަން އަވަށުން:
އާއިޝަތު ނަޝާ ވަޖީޙް / ނޫފިޔަ
ޙަދީޖާ ޙަބީބާ / އެލާސް
އާމިނަތު އާފިއާ / ހުދުމާގެ
އާއިޝަތު އިންމާ ޝަބީބް / ރޮމެންސް
މި ފުރުޞަތަކީ މާތްވެގެންވާ މައްކާގެ ބިމަށް ޒިޔާރަތްކޮށް، އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތު ދާއިރާގެ ރައްޔިތުންނަށް ހޯދައިދިނުމަށް ކުރެވޭ އުންމީދީ މަސައްކަތެކެވެ. މެންބަރު އިއްބެ ވަނީ ގުރުއަތުން ހޮވުނު ހުރިހާ ބޭފުޅުންނަށް މަރުޙަބާ ދަންނަވައި، މިކަމުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ރިއެކްޝަންސް









