ފޯޅަވަހި އެއްބަސްވުން ބަލައިނުގަންނަކަން ދިވެހި ސަރުކާރުން ރަސްމީކޮށް އިނގިރޭސިވިލާތަށް އަންގައިފި

ފޯޅަވަހި އެއްބަސްވުން ބަލައިނުގަންނަކަން ދިވެހި ސަރުކާރުން ރަސްމީކޮށް އިނގިރޭސިވިލާތަށް އަންގައިފި

3 hours ago - 12:44
Advertisement
Advertisement

މޮރިޝަސްއަށް ފޯޅަވަހި (ޗާގޯސް އައިލެންޑްސް) ދިނުމަށް އިނގިރޭސިވިލާތުން އެ ގައުމާއެކު އެކުލަވައިލި އެއްބަސްވުން ބަލައިނުގަންނަކަން ދިވެހި ސަރުކާރުން ރަސްމީކޮށް އިނގިރޭސިވިލާތަށް އަންގައިފިއެވެ.


ބީބީސީއިން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ނިންމުން ހާމަކޮށްފައިވަނީ ދެ ލިޔުމެއްގެ އިތުރުން އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރެއްވި ފޯނު ކޯލެއްގައެވެ. މި މުއާމަލާތްތަކުގައި ފޯޅަވައްސާމެދު އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ގާއިމުކޮށްފައިވާ އެއްބަސްވުމާ މެދު ރާއްޖޭގެ "ފުން ކަންބޮޑުވުންތަކެއް ހުރި" ކަމަށާއި އެ އެއްބަސްވުމާ ދެކޮޅުކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ބީބީސީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ރާއްޖެއިން ފޯޅަވަހީގެ ރަށްތަކުގެ މައްޗަށް ސިޔާދަތީ ދައުވާކުރުމާއެކު، ބައިނަލްއަގުވާމީ ގާނޫނީ ފިޔަވަޅުތައް މެދުވެރިކޮށް އެ ސަރަހައްދު ރާއްޖެއަށް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ. ސަރުކާރުން ގަބޫލުކުރާ ގޮތުގައި ފޯޅަވަހީގެ މައްޗަށް ރާއްޖެއަށް އެތައް ގަރުނެއްވީ ތާރީހީ ސިޔާދަތީ ދައުވާއެއް ކުރެވެން އެބައޮތެވެ.
މިކަމާ ގުޅިގެން އިނގިރޭސިވިލާތުގެ ފޮރިން އޮފީހުގެ މިނިސްޓަރު ސްޓެފަން ޑައުޓީ ވިދާޅުވީ ފޯޅަވަހީގެ ރަށްތަކުގެ ސިޔާދަތާ ގުޅޭ މައްސަލައަކީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ގުޅިފައި އޮތް ކަމެއް ކަމަށާއި، އެކަމުގައި ރާއްޖޭގެ އެއްވެސް ދައުރެއް ނެތް ކަމަށެވެ. އަދި ބައިނަލްއަގުވާމީ ކޯޓުތަކުން އެ ރަށްތަކުގެ ސިޔާދަތު އޮންނާނީ މޮރިޝަސްއަށް ކަމަށް ނިންމާފައިވާ ކަމަށް އިނގިރޭސި ސަރުކާރުން ދެކޭ ކަމަށްވެސް ބީބީސީން ރިޕޯޓުކުރެއެވެ.
ފާއިތުވި އަހަރު އިނގިރޭސިވިލާތުން ވަނީ މޮރިޝަސްއަށް އެ ސަރަހައްދު ދިނުމާއެކު، އެ ތަނުގައި އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން ހިންގާ އަސްކަރީ ބޭސް ދެމެހެއްޓުމަށްޓަކައި އަހަރަކު 101 މިލިއަން ޕައުންޑު މޮރިޝަސްއަށް ދިނުމަށް އެއްބަސްވެފައެވެ. ނަމަވެސް ދިވެހި ސަރުކާރުން ބީބީސީއަށް ފޮނުވި ސްޓޭޓުމެންޓެއްގައި ބުނެފައިވަނީ، 2024 ނޮވެމްބަރު އަދި 2026 ޖަނަވަރީ މަހު ފޮނުވި ސިޓީތަކުގައި، ރާއްޖޭގެ މަސްލަހަތުތައް އެއްފަރާތްކޮށް މިފަދަ އެއްބަސްވުމެއް ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.


ސަރުކާރުން ބުނި ގޮތުގައި މި މައުގިފަކީ ރާއްޖެއާއި ފޯޅަވަހީގެ މެދުގައި އޮތް ތާރީހީ އަދި އިދާރީ ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ. އަދި ޖިއޮގްރަފީގެ ގޮތުން ފޯޅަވަހި ރާއްޖެއާ ކައިރީގައި އޮތުމަކީ ރާއްޖޭގެ ސިޔާދަތީ ދައުވާއަށް އިސްކަންދޭންޖެހޭ ސަބަބެއް ކަމަށް ސަރުކާރުން ދެކެއެވެ.


ދިވެހި ސަރުކާރުން މިހާރު ތައްޔާރަށް އޮތީ ބައިނަލްއަގުވާމީ އަދުލުގެ ކޯޓަށް މި މައްސަލަ ހުށަހަޅައިގެން ނަމަވެސް ރާއްޖޭގެ ގައުމީ މަސްލަހަތު ހިމާޔަތް ކުރުމަށެވެ. ސަރުކާރުގެ އުންމީދަކީ އިނގިރޭސިވިލާތުން ތާރީހީ ހަގީގަތްތަކަށް އިހުތިރާމްކޮށް، މާނަހުރި މަޝްވަރާތަކެއްގެ ތެރެއިން މި މައްސަލަ ހައްލުކުރުމެވެ.

Advertisement
Advertisement

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement