އަގުބޮޑުކޮށް ބޭސް ސާމާނު ގަތް މައްސަލަ: އޭއީއެޗްގެ 4 މުވައްޒަފަކަށް ދައުވާކުރަން ފޮނުވަނީ
ބާޒާރުގެ އަގަށްވުރެ އެތައް ގުނައެއް ބޮޑު އަގުގައި ލެބޯޓަރީ ސާމާނު ގަތް މައްސަލައެއްގައި، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ އިސް 4 މުވައްޒަފެއްގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފިއެވެ.
މި މައްސަލައިގައި ދައުވާކުރަން ނިންމާފައިވަނީ އެ ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގެވުމާ ހަވާލުވެހުންނެވި އޮފިސަރާއި، ބިޑު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 3 މެންބަރެއްގެ މައްޗަށެވެ.
އޭސީސީން ހާމަކުރި ގޮތުގައި މިއީ އޭއީއެޗާއި އެ ހޮސްޕިޓަލުގެ ބެލުމުގެ ދަށުގައިވާ ސިއްހީ މަރުކަޒުތަކަށް 4 މަސްދުވަހަށް ބޭނުންވާ ލެބޯޓަރީ ކޮންޒިއުމެބަލްސް ހޯދުމަށް 2025 ވަނަ އަހަރު ކުރި އިއުލާނަކާ ގުޅިގެން ހިންގި ތަހުގީގެކެވެ. އެގޮތުން، އެ އިއުލާނުގައި ހިމެނޭ 40,000 މައިކްރޯޕިޕެޓް ޓިޕް ހޯދުމަށް ހުޅުވާލުމުން ކުރިމަތިލީ އެންމެ ފަރާތަކުން ކަމަށްވާއިރު، އެ ފަރާތުން ހުށަހެޅި އަގަކީ މާކެޓް ރޭޓާ އަޅާބަލާއިރު އެކަށީގެންވާ އަގެއްތޯ އެއްވެސް ވަރަކަށް ވަޒަންކުރުމެއް ނެތި، ދައުލަތުގެ މާލިއްޔަތު ގަވާއިދާ ކަނޑައެޅިގެން ޚިލާފަށް އެ ތަކެތި ގަނެފައިވާކަން ތަހުގީގަށް ވަނީ ސާބިތުވެފައެވެ.
މި މައްސަލައިގައި ދަޢުވާކުރުމަށް ނިންމާފައިވާ ހަތަރު މުވައްޒަފުންނަކީ:
މުހައްމަދު ސާއިން އަހުމަދު (ފިޔަނޫމާގެ/ ސ. ހިތަދޫ) – ޕްރޮކިއުމަންޓް އޮފިސަރު އަދި ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެހުރި ފަރާތް (ބީލަމުގެ އިވެލުއޭޝަން އެޕްރޫވްކުރި މުވައްޒަފު)
އަޡީމް ލަތީފް (އެވެރެސްޓު/ ސ. ހިތަދޫ) – ސީނިއާ ހެލްތުކެއާ އެޑްމިނިސްޓްރޭޝަން އޮފިސަރު (ބޮޑު އަގުގައި މުދާ ގަތުމަށް ނިންމި ބިޑު ކޮމިޓީގެ ޗެއާޕާސަން)
އަބްދުﷲ ވަހީދު (ތައުރުއްގެ/ ސ. ހިތަދޫ) – ސީނިއަރ ކަސްޓަމާ ރިލޭޝަންސް އޮފިސަރު (ބިޑު ކޮމިޓީގެ މެންބަރު)
ޑރ. ފާތިމަތު އަމާނީ ނަސީރު (ހަންހާރުގެ/ ސ. ހިތަދޫ) – ޕީޑިއެޓްރީޝަން (ބިޑު ކޮމިޓީގެ މެންބަރު)
މި ބޭފުޅުންގެ މައްޗަށް އުފުލުމަށް ފޮނުވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި، އެ ޤާނޫނުގެ 517 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ.
މީގެއިތުރުން، ޤަވާއިދާ ޚިލާފަށް ހިންގި މި މުއާމަލާތުގެ ސަބަބުން ދައުލަތަށް ގެއްލުނު ފައިސާގެ ޖުމްލަ އަދަދު ބަލައި ހިސާބުކުރުމަށްފަހު، އެ ފައިސާ އެ މުވައްޒަފުންގެ އަތުން އަނބުރާ ހޯދުމަށް އެންގުމަށާއި، މިކަމުގައި އިހުމާލުވި ފަރާތްތަކުގެ އިދާރީ މައްސަލަތައް ވަކިން ބަލައި ފިޔަވަޅު އެޅުމަށް އަންގަންވެސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
ރިއެކްޝަންސް





