
އެސެޓް ރިކަވަރީ ޤާނޫނުގެ ސަބަބުން ކުރިން ވައްކަންތައް ކޮށްފައިވާ މީހުންގެ ފަހަތުން ދެވޭނެ-ރައީސް
މަޖިލިހުގެ ކުރިއަށް އޮތް ދައުރަށް ބިލް ހުށަހަޅާނެ
ސަރުކާރުން އަލަށް ހުށަހަޅާ އެސެޓް ރިކަވަރީ ޤާނޫނުގެ ސަބަބުން މީގެ ކުރިން ބޮޑެތި ވައްކަންތައް ކޮށްފައިވާ މީހުންގެ ފަހަތުންވެސް ސަރުކާރުގެ އިދާރާތަކުން ވަރަށް ބާރަށް ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހަތަރު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ފަހު ރަށެއްގެ ގޮތުގައި ތިމަރަފުށީގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ ފެނަކައިގެ އޮޑިޓް ރިޕޯރޓް ޢާއްމުކޮށްފައި ވަނިކޮށެވެ.
ފެނަކައިގެ އޮޑިޓް ރިޕޯރޓުން ބޮޑަތި ހިޔާނާތާއި ކޮރަޕްޝަން ފާހަގަވެފައި ވަނިކޮށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރު ފެށުމާއެކު ސަރުކާރުން ހުށަހަޅުއްވާ އެސެޓް ރިކަވަރީ ބިލުގެ ކަންކަން މަޖިލީހުން ނިންމަވައި، ތަސްދީޤުކުރައްވަން ފޮނުވާ ދުވަހު އެބިލު ތަސްދީޤުކުރައްވާނެ ކަމަށެވެ. އެސެޓް ރިކަވަރީ ބިލު، ޤާނޫނަކަށް ވާ ދުވަހުން ފަށައިގެން، މީގެ ކުރިން ބޮޑެތި ވައްކަންތައް ކޮށްފައިވާ ހުރިހާ އެންމެންގެ ފަހަތުން، ސަރުކާރުގެ އިދާރާތަކުން ވަރަށް ބާރަށް ދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެސެޓް ރިކަވަރީ ބިލެއް ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ މިދިޔަ ދުވަސްތަކުގައި ޤައުމުގައި ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތައް ބަލައި، ނިމޭއިރު، އެ ވައްކަންތަކުގައި ޝާމިލުވާ ފަރާތްތަކުގެ އަތުން ބަދަލު ނެގޭނެ ގޮތެއް ނެތުމުން، އެކަން ބަދަލުކުރެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކޮރަޕްޝަން ނައްތާލުމަށް އެމަނިކުފާނުގެ ސަރުކާރު އޮތީ ވަރަށް ވަރުގަދައަށް ތައްޔާރުވެކަން ފާހަގަކުރައްވާ ވިދާޅުވީ މޯލްޑިވްސް 2.0 ގެ ޑިޖިޓައިޒޭޝަން ބިޔަ، ބޮޑު މަޝްރޫޢަކީވެސް ކޮރަޕްޝަން ނައްތާލުމުގެ ބޭނުމުގައި ނިޒާމަށް ގެންނަ ބޮޑު ބަދަލެއް ކަމަށެވެ. މިއީ ކުރިއަށް އޮތްތަނުގައި ކޮރަޕްޝަން ނައްތާލުމަށް ހިންގާ އެންމެ ބޮޑު މަޝްރޫޢުކަމަށާ، ވެރިކަން ހިންގުމުގެ ނިޒާމުގެ ކަންކަން ޑިޖިޓަލައިޒް ކުރައްވަނީވެސް ކޮރަޕްޝަން ނައްތާލުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިއީ އަތުން ހިފޭނެ އެއްޗެއް ނޫން ކަމަށާ، ނަމަވެސް މިއީ އިޙްސާސްވާނެ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
ފެނަކަ އޮޑިޓް ރިޕޯރޓަށް އިޝާރާތް ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ ވަރަށް ހިތާމަހުރި ކަމެއްކަމުގައެވެ. މިކަމުގައި ދިވެހި ފުލުހުންގެ އިދާރާއިން ކުރަންޖެހޭ ކަންކަން ކުރަން ފަށާފައިވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮރަޕްޝަން ނައްތާލުމަށްޓަކައި ކުރަންޖެހިވަޑައިގެންނެވި ކޮންމެ ކަމެއްވެސް ކުރައްވާނެކަމަށާ، އެކަމުގައި ވަކި މީހަކަށް ނުބައްލަވާނެކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.
ރިއެކްޝަންސް






