
ފަތުރުވެރިކަމުގައި ދިވެހިންގެ މެހުމާންދާރީގެ އަސާސްތަކަކީ ދުނިޔެ ބަލައިގެންފައިވާ އަސާސްތަކެއް- ރައީސް މުއިއްޒު
ފަތުރުވެރިކަމުގައި ދިވެހިންގެ މެހުމާންދާރީގެ އަސާސްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ބަލައިގެންފައިވާ އަސާސްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހީންގެ މެހުމާންދާރީގެ ދައުރެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ކޮންމެ މުޖުތަމައުއެއް ޝާމިލްވާ ގޮތަށް ހުރިހާ އަތޮޅަކަށް ފަތުރުވެރިކަމުގެ ދާއިރާގެ ފުރުޞަތުތައް ފަހިކޮށްދީ, ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލްވުމަކީ އަމާޒެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ރަށްރަށުގެ ރީތިކަމާއި ތަފާތުކަން ދައްކުވައިދޭ ފަތުރުވެރިކަމުގެ ދެމެހެއްޓެނިވި މޮޑެލްއަކަށް މަސައްކަތް ކުރައްވާކަން ހާމަކުރެއްވިއެވެ. ރާއްޖޭގެ އިގްތިސާދު ހަމަމަގަށް އެޅުވުމަށް ކުރައްވާ މަސައްކަތުގައިވެސް އެކަމުގެ މުހިއްމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ފަތުރުވެރިކަމުގެ ބައިނަލްއަޤްވާމީ ދުވަސް ފާހަގަކުރަން ފެށީ 1980 ވަނަ އަހަރުއެވެ. ރާއްޖޭގެ އިގްތިސާދުގެ މައި ދޮރޮއްޓަކީ ފަތުރުވެރިކަމެވެ. ފަތުރުވެރިކަމުގައި ރާއްޖެއަކީ ދުނިޔޭގެ އެންމެ މަގްބޫލް އަދި އެންމެ އަގުބޮޑު އެއް މަންޒިލެވެ.
ރިއެކްޝަންސް






