ޒިކުރާ މިސްކިތަށް ދުމާއި ވަހުގެ އަސަރުކުރާތީ "ފުޑް ބިސްޓްރޯ" ބަންދުކޮށްފި: ކައުންސިލް ފެނުމާއެކު ބިދޭސީން ދުވެ ފިލައިފި
މާލޭގެ ކުދީނާ ގޯޅީގައި ހިންގަމުން އައި "ފުޑް ބިސްޓްރޯ" އިން ބޭރުވާ ދުމާއި ވަހުގެ މައްސަލަ ހައްލުނުކުރުމުގެ ސަބަބުން، މާލެ ސިޓީ ކައުންސިލުން އެތަން ބަންދުކޮށްފިއެވެ. ކައުންސިލްގެ ޓީމު އެތަން ބަންދުކުރުމަށް ދިޔުމާއެކު، އެތަނުގައި ތިބި ގިނަ އަދަދެއްގެ ބިދޭސީން ވަނީ ދުވެ ފިލާފައެވެ.
މާލެ ސިޓީ ކައުންސިލުން މި ފިޔަވަޅު އަޅަން ނިންމީ، އެ ކެފޭގެ ދުންހޮޅިން ބޭރުވާ ދުމާއި ވަހުގެ ސަބަބުން ކައިރީގައި ހުރި ޒިކުރާ މިސްކިތަށް ނަމާދަށްދާ މީހުންނަށް އިންތިހާއަށް އުނދަގޫވަމުންދާތީއެވެ. ހާއްސަކޮށް، އިއްޔެގެ ހުކުރު ނަމާދު ވަގުތުގައި އެތަނުން ކައްކަމުން ދިޔަ ތަކެތީގެ ވަހުގެ ސަބަބުން މިސްކިތުގައި ތިބި މީހުންނަށް ނަމާދުކުރުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވި ކަމުގެ ގިނަ ޝަކުވާތަކެއް ކައުންސިލަށް ލިބިފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ސިޓީ ކައުންސިލުން ބުނީ، ދުމާއި ވަހުގެ މައްސަލަ ހައްލުކުރުމަށް ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން މީގެ ކުރިން ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ. ނަމަވެސް، އެކަން އިސްލާހުކުރުމަށް އެ ފަރާތުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާކަން ކައުންސިލުން ފާހަގަކުރެއެވެ.
އިއްޔެގެ ހުކުރު ނަމާދަށްފަހު ކައުންސިލްގެ މުވައްޒަފުން އެތަނަށް ދިޔަ ވަގުތު ހިނގި ކަންތައްތަކަށް އަލިއަޅުވާލަމުން ކައުންސިލުން ބުނީ، މުވައްޒަފުން އެތަނަށް ވަނުމާއެކު، އެތަނުގައި ކައްކަން ތިބި ބިދޭސީންނާއި ހިދުމަތް ހޯދަން ތިބި ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު ވަނީ ދުވެ ފިލާފައި ކަމަށެވެ.
ސިޓީ ކައުންސިލުން މިހާރު ވަނީ އެތަނުގެ ދުންހޮޅީގެ މައްސަލަ އެއްކޮށް ހައްލުކުރެވެންދެން ހިދުމަތް ދިނުން ހުއްޓުވައި، އެތަން ބަންދުކޮށްފައެވެ. މިއީ އާންމު ފަރުދުންނަށާއި އަޅުކަންކުރާ މީހުންނަށް އުނދަގޫވާ ގޮތަށް ހިންގާ މިފަދަ ކަންކަން ހުއްޓުވުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.
ރިއެކްޝަންސް





