ސިހުރު ހެދުމުގެ ތުހުމަތުގައި 63 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފި
ސިހުރު ހެދުމުގެ ތުހުމަތުގައި 63 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ށ. ފޭދުއަށް ނިސްބަތްވާ މީހެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 15 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުން ނެރެފައިވާ ބަންދު އަމުރުގައިވާ ގޮތުން، އެ މީހާ ކުށް ކުރި ކަމަށް ކޮންމެވެސް މިންވަރަކަށް ތުހުމަތުކުރެވޭ ވަރަށް ހެކި ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި، ހާދިސާ ހިނގި ގޮތުގެ ރިޕޯޓުގެ އިތުރުން ފޮޓޯ ރިޕޯޓު ހިމެނޭ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ. ކޯޓުން ބުނެފައިވަނީ އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ، ބަންދުގައި ބަހައްޓަން ނިންމީ ކަމަށެވެ.
ރާއްޖޭގައި ސިހުރުގެ މައްސަލަތަކަކީ ޒަމާންވީ އަދި ނުރައްކާތެރި މައްސަލައެކެވެ. އިއްޔެގެ ހުކުރު ޚުތުބާވެސް ޚާއްސަކޮށްފައިވަނީ ސިހުރުގެ ނުބައިކަމުގެ މައްޗަށެވެ. އެ ޚުތުބާގައި ސިހުރު ހެދުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެއް ކަމަށާއި، އެއީ ޝިރުކުގެ އަމަލެއްކަން ހަނދާންކޮށްދީފައިވެއެވެ.
މިފަދަ މައްސަލަތަކުގައި މީގެ ކުރިންވެސް މީހުން ހައްޔަރުކޮށްފައިވީ ނަމަވެސް، ސިހުރުގެ މައްސަލަތައް ފުރިހަމައަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑާއި ވަސީލަތްތައް ނެތުމުގެ ދަތިކަން ތަހުގީގީ އިދާރާތަކަށް ކުރިމަތިވަމުންދާކަން ފާހަގަކުރެވެއެވެ.
ރިއެކްޝަންސް





