ހުޅުމާލޭ "ޚާންޖީ" ރެސްޓޯރެންޓްގައި ވެއިޓަރަކު މަރާލި މައްސަލަ އާބިދުގެ މައްޗަށް ސާބިތުވެއްޖެ
ހުޅުމާލޭގައި ހިންގާ "ޚާންޖީ" ރެސްޓޯރެންޓުގައި މަސައްކަތް ކުރި ބަންގްލަދޭޝްގެ ވެއިޓަރަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި، އެ ތަނުގެ ކައްކާ، ޕާކިސްތާނުގެ މުޙައްމަދު އާބިދުގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.
މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި، މައްސަލަ ބެއްލެވި ގާޒީ އަޙްމަދު ޝާފިޢު ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އާބިދުގެ މައްޗަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ޙުކުމް ކުރައްވާފައެވެ.
މި ހާދިސާ ހިނގާފައިވަނީ ރެސްޓޯރެންޓް ތެރޭގައި ހިނގި ދެބަސްވުމެއްގެ ތެރެއިންނެވެ. އާބިދު ވަނީ ވެއިޓަރުގެ ހަށިގަނޑުގެ ތިން ތަނަކަށް ވަޅިން ހަމަލާދީފައެވެ. އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުން ހެކިބަސް ދެމުން ބުނެފައިވާ ގޮތުގައި، މި ދެ މީހުންގެ މެދުގައި މީގެ ކުރިންވެސް އެކި ފަހަރުމަތިން ދެބަސްވުންތައް ހިނގާފައިވެއެވެ.
ޝަރީއަތުގެ މަޖިލީހުގައި އާބިދު ވަނީ މި ދައުވާއަށް އިންކާރުކޮށްފައެވެ. އޭނާ ބުނެފައިވަނީ ވެއިޓަރަށް ހަމަލާދެވުނީ އަމިއްލަ ނަފުސު ދިފާއުކުރަން އަތް ހޫރާލި ވަގުތު ކަމަށާއި، އެ ވަގުތު އަތުގައި ވަޅިއެއް އޮތްކަން ނޭނގޭ ކަމަށެވެ. ނަމަވެސް، މި މައްސަލައިގައި އޭނާގެ ފަރާތުން ދިފާއީ އެއްވެސް ހެކިއެއް ހުށަހަޅާފައެއް ނުވެއެވެ.
ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހަށް ރިއާޔަތްކުރައްވައި ގާޒީ ފާހަގަކުރެއްވީ، އާބިދު ހަމަލާދީފައިވަނީ ރުޅިވެރިކަމާއެކު ކަމަށާއި، އޭނާ ކުރި އަމަލަކީ މީހެއްގެ ފުރާނަ ދިއުމުގެ ފުރުސަތު އޮތް ނުރައްކާތެރި ކަމެއްކަން އެނގެން އޮތް ކަމަށެވެ.
މި މައްސަލައިގައި އާބިދުގެ މައްޗަށް ކުށް ސާބިތުވުމާ ގުޅިގެން، ދެން އޮންނާނީ އަދަބު ކަނޑައެޅުމެވެ. އަދަބު ކަނޑައެޅުމުގެ ކުރިން، މަރުވި ވެއިޓަރުގެ ވާރިސުންގެ ބަސް ހޯދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ކޯޓުން ވަނީ ބުނެފައެވެ.
ރިއެކްޝަންސް





